މުޒާހަރާގައި ހައްޔަރުުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޮކްޓޫބަރު 3 ވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އަށް މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.

 މި ނިންމުމަށް އައީ އެ މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މި އަށް މީހުންގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އާއި، އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރާއި، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ. މީގެ އިތުރުން ހ. ލެވެންޑްލީއާގެ، ހުސެއިން ޝާކިރު އާއި، ހއ. ބާރަށު، ކުއްޅަވައްގެ، އަލީ ޖުމާން އާއި، ނ. ވެލިދޫ، ޖަވާހިރުމާގެ، މުހައްމަދު ހަލަފް އިބްރާހިމް އަދި ބ. ކެންދޫ، ނޫހިރި، އާޒިމް އަލީ ވެސް ހިމެނެ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ މި މީހުންގެ މައްޗަށް ކުރުމަށް ފުލުހުން ވަނީ އެ އޮފީހަށް ހުށަހަޅާފަ އެވެ. ނަމަވެސް، ލިބިފައިވާ ހެކިތަކުން އެނގޭ ގޮތުގައި އެ މީހުންގެ އަމަލުތައް ހިންގާފައި ވަނީ އެމީހުންގެ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެ އެވެ.

އަދި އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް ޒަހަމެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާތީ، އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ މާ ބޮޑު މަސްލަހަތެއް ނެތް ކަމަށް ޕީޖީ އޮފީހަށް ފެނިފައިވާ ކަމަށް ވެސް ބުނެ އެވެ. އެހެންނަމަވެސް، މި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. މި ބައިތަކުގެ ތަހުގީގު ނިމުމުން، އެ މައްސަލަތަކުގައި ވެސް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ހާމަކުރެ އެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން ހަތް މީހަކު އެ ދުވަސްވަރު ބަންދުކޮށް 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރި އެވެ. ނަމަވެސް މުހައްމަދު ހަލަފް އިބްރާހިމް ކިޔަވާ ކުއްޖަކަށް ވާތީ، ޝަރުތު ކުރުމަށް ފަހު ބަންދު ނުކޮށް ދޫކޮށްލި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެށި އެމްޑީޕީގެ ބޮޑު އެއްވުން ހަމަނުޖެހުމަކަށް ބަދަލުވީ، މަޖީދީމަގުން ދިއުން މަނާކޮށްފައި ވަނިކޮށް، އެ މަގުން ދާން އެއްވުމުގެ ބައިވެރިން މަސައްކަތް ކުރުމުންނެވެ. އާޓިފިޝަލް ބީޗާ ދިމާލުން މަޖީދީމަގު ބަންދުކޮށްގެން ތިބި ފުލުހުންގެ ސަފު ފޫއަޅުވާލާފައި ދާން އެއްވުމުގެ ބައިވެރިން މަސައްކަތް ކުރުމުގެ ސަބަބުން ބޮޑެތި ކުރިމަތިލުންތަކެއް ހިނގި އެވެ. މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ބޭނުންކުރި އެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި އެވެ. މީގެ އިތުރުން، މުޒާހަރާ ރޫޅާލުމަށް ތޫނު އަޑު ފޮނުވާ ހަތިޔާރެއް ފުލުހުން ބޭނުންކުރި މައްސަލަ ވެސް އޭރު ބޮޑުވެގެން ދިޔަ އެވެ.