ބޯހިޔާވަހިކަމުގެ 6 ޑިމާންޑެއް އެމްޑީޕީން ސަރުކާރަށް ހުށަހަޅައިފި، މުއްދަތު މި މަހު 17 ވަނަ ދުވަހަށް!

އާއިޝަތު އަނާ ރަޝީދު
 
10 ދުވަސް ކުރިން

އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ބޯހިޔާވަހިކަމާ ގުޅޭ ހަ މުހިންމު ޑިމާންޑެއް ސަރުކާރަށް ހުށަހަޅާފައެވެ. މި ޑިމާންޑުތަކަށް އަމަލުކުރުމަށް ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހާ ހަމައަށް، އެބަހީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 20:30 އާ ހަމައަށް މުއްދަތު ކަނޑައަޅާފައިވާކަން އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާއަށް ނަންދީފައިވަނީ "ކޮބާ ކޮބާ މަގޭ ފުލެޓު، ކޮބާ ކޮބާ މަގޭ ގޯތި" މި ނަމެވެ. މި އެއްވުމުގައި ބޯހިޔާވަހިކަމުގެ ދާއިރާގައި ހުރި އެކި މައްސަލަތަކާ ގުޅުންހުރި ހަ ޑިމާންޑެއް ހުށަހެޅިއިރު، އެ ޑިމާންޑުތަކުގެ ތެރެއިން އެއްކަމަކީ، ހުޅުމާލެ ތިން ފިޔަވައްސާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި، އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަށް ދާންދެން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ގޮވާލުމެވެ.


ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ސަރުކާރުގައި ކަނޑައަޅައި، އެއްބަސްވުން ހަދާފައިވާ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓު ލިބޭނެކަމަށް ނިންމާފައިވާ ފަރާތްތަކަށް ލިސްޓުގައިވާ ގޮތަށް ފުލެޓު ދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ބާކީ ތިބި 9،763 މީހުންނަށް ފުލެޓު ދިނުމަށް އިންޑިއާގެ އެލްއޯސީ (ލައިން އޮފް ކްރެޑިޓް) އިން ފައިނޭންސް ހަމަޖައްސައި، ކުރިން ހަވާލުކޮށްފައިވާ 7،000 ފުލެޓްތަކުގެ މަސައްކަތް އަވަހަށް ފެށުމަށް ވެސް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.


އެމްޑީޕީގެ އިތުރު ޑިމާންޑުތަކުގެ ތެރޭގައި ހިމެނޭ އެހެނިހެން ކަންކަމަކީ: ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރި 4،000 ފުލެޓު ދިނުމަށް ހަދާފައިވާ 'ކުލީ'ގެ އެއްބަސްވުން، ގަނެވިއްކާ އެއްބަސްވުމަކަށް ބަދަލުކޮށްދިނުމާއި، ކުރީ ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ 4،000 ފުލެޓުގެ ކުލި ބޮޑު ނުކުރުމަށާއި ޑައުންޕޭމަންޓު ކަނޑާލުމެވެ. އަދި ހުޅުމާލޭ ފޭސް ތިނަކާއި ގިރާވަޅު ފަޅާއި ގުޅީފަޅާއި އުތުރުތިލަފަޅުގެ ބާކީ ހުރި ބިންތައް ހިއްކުމުގެ މަސައްކަތް ފެށުމަށާއި، ހިއްކާ ނިމިފައި ހުރި ގޯތިތައް ވެރިފަރާތާ ހަވާލުކޮށް، އެތަންތަނުގައި ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.


މީގެ އިތުރުން، "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމްގެ ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40،594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ވެސް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. މި އެއްވުމުގައި މާލޭގެ މޭޔަރު އާޒިމްއާއި އެޕާޓީގެ މެންބަރު މާޒް ސަލީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެޕާޓީގެ ގިނަ މެންބަރުން ބައިވެރިވެފައިވެއެވެ.


މާލެ ސަރަހައްދުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށްވާއިރު، މި ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ދިރިއުޅެނީ ކުއްޔަށެވެ. އެމްޑީޕީން މިދިޔަ މަހުގެ ތިނެއްގައި ވެސް ބޮޑު އެއްވުމެއް ބާއްވާފައިވާއިރު، އެ އެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިއްވި ޑިމާންޑުތަކާ އެއްގޮތަށް ކަންކަން ރަނގަޅުނުކުރާ ނަމަ، ސަރުކާރަށް ދެ އަހަރު ފުރޭ ދުވަސް ކަމަށްވާ މި މަހުގެ 17 ވަނަ ދުވަހާ ދިމާކޮށް ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 20:30 ގެ ކުރިން މި ޑިމާންޑުތަކަށް ސަރުކާރުން އިޖާބަދޭނެ ކަމަށް އެމްޑީޕީން އުންމީދުކުރެއެވެ.