އިދިކޮޅު އެމްޑީޕީން މި މަހު ތިންވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއަށް ދިޔަ މީހުން، ދައުލަތުގެ އެކި މަގާމުތަކުން ވަކިކުރާ ކަމަށް ބުނެ އެ ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު "ލޫޓުވައިފި، ލޫޓުވައިފި،" ނަމުގައި ބޭއްވި މުޒާހަރާއަށް ގިނަ ބަޔަކު ޖަމާވިއެވެ.
އެމްޑީޕީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުންގެ ތެރެއިން އޮކްޓޫބަރު ތިނެއްގެ މުޒާހަރާއަށް ދިޔަ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި، އެ ޕާޓީގެ ދެ މެންބަރެއްގެ ފޯނު ފުލުހުން ހިފަހައްޓާފައިވާ ކަމަށެވެ.
މީގެ އިތުރުން، މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ހަ މީހުން ބަންދުކޮށްފައި ތިބުމުން ވެސް އެ ޕާޓީން ކަންބޮޑުވުން ފާޅުކުރިއެވެ.
"ބިރުދެއްކުން ކުރި ވެސް މަސައްކަތެއް ނުކުރި، ދެން ވެސް ނުކުރާނެ،" އެމްޑީޕީގެ ޕޯސްޓުގައިވެއެވެ.
ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ކޮށްފައިވާ ޕޯސްޓުތަކުން އެނގޭ ގޮތުގައި ވަޒީފާއިން ވަކިކުރި ކަމަށް ބުނަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގައި މަސައްކަތްކުރި ދެ މުވައްޒަފުންނެވެ. ދެ މީހުންނަކީ ވެސް މުޒާހަރާގައި ބައިވެރިވި މީހުންނެވެ.
އެހެންވެ، މުވައްޒަފުންނަށް ބިރުދައްކާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.