ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް، ކޮރަޕްޝަނާ ގުޅުންހުރި މައްސަލައެއްގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފިއެވެ.
އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް ހާޒިރުވުމަށް އަންގާފައިވެއެވެ.
މި މައްސަލައިގައި ފައްޔާޒުގެ މައްޗަށް ކުރެވޭ ތުހުމަތަކީ، 2019 ވަނަ އަހަރު އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުރެ، އޭނާގެ މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ސްވިފްޓް އިންޖިނިއަރިންގ (ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި) އަށް ނުޙައްޤުން މަންފާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ދައުލަތަށް ލިބެންވާ ފައިދާއެއް ގެއްލިފައިވާ ކަމަށްވެސް އޭސީސީން ތުހުމަތުކުރެއެވެ.
މި މައްސަލައާ ގުޅޭގޮތުން ފައްޔާޒު ވަނީ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ބަސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއްވެސް ނާޖާއިޒު ފައިދާއެއް ހޯދައިދީފައި ނުވާނެ ކަމަށާއި، އޭސީސީން އިންސާފުވެރި ތަޙުޤީޤެއް ކުރާނެ ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަމުގައި ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު ހަލާކުކޮށްލާފައިވާ ކަމަށާއި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަޙުޤީޤެއް ނުހިންގޭނެ ކަމަށް ފާހަގަކުރެއްވިއެވެ.