އަދަބު ބޮޑުވާ ގޮތަށް ބައްސާމުގެ މައްޗަށް ކުރާ ދައުވާ އިސްލާހުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
21 ދުވަސް ކުރިން
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލާގައި އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ އަދަބު ބަޔާންކުރުމުގައި ދައުލަތަށް ހެދިފައިވާ ކުށެއް އިސްލާހުކުރަން ކްރިމިނަލް ކޯޓުން ހުއްދަ ދީފި އެވެ.

ބައްސާމް، އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ދެއްކުމުގެ ގޮތުން އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ ދައުވާ އުފުލާފައިވެ އެވެ.

ދައުލަތުން ހިޔާނާތުގެ ދައުވާގައި އަދަބު ބަޔާންކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނަނީ ހިޔާނާތްވި މުދަލުގެ އަގު 50،000ރ. އަށްވުރެ މަތިވާ ނަމަ، ނުވަތަ ވަގަށްނެގި މުދަލަކީ، ހަތިޔާރެއް ނުވަތަ އިންޖީނުލީ ދުއްވާއެއްޗެއް ނުވަތަ އިންޖީނުލީ ދޯންޏެއް ނުވަތަ އެ ނޫން ވެސް އިންޖީނު އެޅި އުޅަނދެއްކަމުގައިވާ ނަމަ، އެ ކުށަކީ، ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލަށް ލުމެވެ.

ބައްސާމްގެ މައްޗަށް މިހާރު ވެސް ހިޔާނާތުގެ ދައުވާއެއް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ހާލަތުގައި މިހާރު ކުރިއަށްދާ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު މަތިކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ދައުވާއަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

ހިޔާނާތުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ކުރާއިރު އެ ކުށުގެ އަދަބަކީ 100,000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި މައްސަލަގައި ބައްސާމްގެ މައްޗަށް ދެ ދައުވާ އުފުލާފައިވަނީ އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ އަށް ކޮޓަރި އާއި 10 ފާހަނައިގެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭގޮތަށް ދައްކަންޖެހޭ ޖުމްލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާ، އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމިން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.

އެ ދައުވާތަކުގެ އިތުރުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމާއި އެ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ދައުލަތުން އެދިފަ އެވެ.