އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް - -

ފައިސާ ޗާޕުކުރަންޖެހޭނީ އޮޅުވާލުމެއްނެތި، ގާނޫނީ އިމުގެ ތެރެއިން: ފައްޔާޒް

އާއިޝަތު އަނާ ރަޝީދު
 
22 ދުވަސް ކުރިން

ފައިސާ ޗާޕުކުރަން ޖެހޭނަމަ، އެކަން ކުރަންވާނީ ޕެންޝަން އޮފީސް ބޭނުންކޮށްގެން އޮޅުވާލުމެއްނެތި، ގާނޫނީ އިމުގެ ތެރެއިން، ދެފުށް ފެންނަ ގޮތަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ރައީސް މުއިއްޒުގެ އިންތިހާބީ ވައުދަކީ ފައިސާ ޗާޕުނުކޮށް އިގްތިސާދު ހަރުދަނާކުރުން ނަމަވެސް، މިހާރު ސަރުކާރުން ވަނީ ނުސީދާކޮށް ފައިސާ ޗާޕުކުރުމަށް ނިންމާފައެވެ. މިގޮތުން މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ދޫކުރާ ފައިސާ، ފައިނޭންސް މިނިސްޓްރީގެ ބޮންޑަށް އިންވެސްޓުކުރުމުގެ މަގުން މިކަން ކުރިއަށް ގެންދަން ރާވާފައިވެއެވެ.


އެކްސް ޕްލެޓްފޯމްގައި ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި މިފަދަ ގޮތަކަށް ފައިސާ ޗާޕުކުރުމުން ޕެންޝަން އޮފީހުގެ އަގު ވެއްޓި، ދިވެހިންގެ ރިޓަޔަމަންޓް ޕެންޝަން ފަންޑަށް ނޭދެވޭ އަސަރުކުރާނެއެވެ. އަދި މިކަމުގެ ބަދަލުގައި، ސަރުކާރުން އެމީހުންގެ ވައުދާ ޚިލާފުވިކަން ގަބޫލުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިކަން ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައިވެއެވެ.


ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގަށާއި މުދަލުގެ އަގުތަކަށް ނޭދެވޭ އަސަރުކުރާނެތީ، މިކަން ރައްޔިތުންނަށް ސާފުކޮށް އަންގަންޖެހެއެވެ.


އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ގާނޫނާ ޚިލާފު އަމަލެއްކަމަށެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް ފައިސާ ޗާޕުކުރާކަށް އެއްބަހެއް ނުވެއެވެ. އަދި މިއީ އިންވެސްޓްމަންޓެއްގެ ގޮތުގައި ކުރާ ކަމެއްކަމަށް ބުނަމުންދާއިރު، މި ފައިސާ އަމިއްލަ ކުންފުނިތަކުގެ ދަރަނި އަދާކުރުމަށް ބޭނުންކުރާނެކަން ހާމަކޮށްފައިވެއެވެ.