ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ހާމަކުރެއްވި ގޮތުގައި، އޭސީސީން ކުރިއަށްގެންދާ ތަހުގީގަކާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވެއެވެ.
އަމީރު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ހާމަކުރެއްވި ގޮތުގައި، އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30 އަށް ހާޒިރުވުމަށް އަންގާފައިވެއެވެ.
އަމީރު ވިދާޅުވި ގޮތުގައި، 2019 އިން 2023 އަށް އަދާކުރެއްވި ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި އެއްވެސް ކަހަލަ ކޮރަޕްޝަނެއް ނުވަތަ ދައުލަތަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އޭސީސީގެ ރައީސާއި މެންބަރުން މީހުން ފްރޭމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ފާޑުކިޔުއްވިއެވެ.
މީގެއިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވެއެވެ. މިއީ ސްވިފްޓް އިންޖިނިއަރިންގ އަށް ބަދަލު ދިނުމުގެ މައްސަލައާ ގުޅޭ ތަހުގީގެއްގައި ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. ސްވިފްޓް އިންޖިނިއަރިންގ އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.