ރައުދު ކުށަށް އިއުތިރާފުވެ، އަންނަ ހަފްތާގައި ހުކުމް ކުރަނީ

އާއިޝަތު އަނާ ރަޝީދު
 
14 ގަޑިއިރު ކުރިން

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މަތީގައި އޮއްވާ ފެނުނު ހައްވާ ޔުމްނާ ރަޝީދުގެ މަރުގެ ހާދިސާ ހިނގި ވަގުތު އޭނާއާ އެކު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.

މި ހާދިސާއާ ގުޅިގެން ރައުދުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި މަހުގެ ފަހުކޮޅުގައެވެ. ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ރައުދު އިއުތިރާފުވުމާ ގުޅިގެން، މި މައްސަލަ މިހާރު ކުރިއަށް ގެންދަނީ އަވަސްނިޔާގެ އުސޫލުންނެވެ. ކޯޓުން ނިންމާފައިވާ ގޮތުގައި މި މައްސަލައިގެ ހުކުމް އަންނަ ހަފްތާގައި އިއްވާނެއެވެ.

ރައުދުގެ މައްޗަށް ދައުވާކޮށްފައިވަނީ "އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ" ދައުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ޕީޖީން ބުނެފައިވާ ގޮތުގައި، ރައުދުގެ މައްޗަށް ދައުވާކުރަން ޖެހުނު ސަބަބަކީ، ޔުމްނާ ފެންޓެނޯއީ ގެއިން މިޓާޒް ގެއާ ދިމާލަށް ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާތީއާއި، އަދި އެހީތެރިކަން ހޯދުމަށް ކަމާބެހޭ އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީއެވެ.

މީގެ ކުރިން، ޔުމްނާ ވެއްޓުނު މައްސަލާގައި ބައިވެރިވުމުގެ ތުހުމަތުގައި ރައުދު ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް، އޭނާ ބަންދުން ދޫކޮށްލުމަށް ފުލުހުންނަށް އިރުޝާދު ދިނީ، އޭނާ ބަންދުގައި ބެހެއްޓިއްޖެނަމަ، ކުރެވޭ ތުހުމަތުގެ އަދަބަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހިދާނެތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލަ ދިރާސާކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ޔުމްނާގެ ތަހުގީގުގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި، ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.