ހ. ފެންޓެނޯއީ ގެއިން ހ. މީޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި ލިބުނު އަނިޔާތަކަށް މެލޭޝިޔާގެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު މިހާރު ގެޔަށް ދޫކޮށްލާފައިވާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އެޕްރީލް 18 ގައި ހިނގި އެ ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އައިޖީއެމްއެޗުންނެވެ. އެޔަށްފަހު އޭނާގެ އާއިލާއިން ވަނީ އެޕްރީލް 26ގައި ޔުމްނު އަށް ފަރުވާ ދިނުމަށް މެލޭޝިޔާއަށް ގެންގޮސްފައެވެ. މެލޭޝިޔާގެ ދެ ހޮސްޕިޓަލަކުން ޔުމްނު ވަނީ ފަރުވާ ހޯދާފައެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ޅިޔަނު މޫމިން މައުމޫން ބުނީ ފަރުވާއަށްފަހު މީގެ ހަފްތާއެއް ކުރިން ޔުމްނު ގެޔަށް ދޫކޮށްލާފައިވާ ކަމަށާއި، ނަމަވެސް އަދިވެސް އޮތީ ބަޔާން ދެވޭ ހާލަތެއްގައި ނޫން ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުގެ ތަހުގީގީ ރިޕޯޓު ނިންމާ ރައީސް އަށް ހަވާލުކުރި ކަމަށް އެ ކޮމިޝަނުން ބުނެފައިވަނީ މިއަދުއެވެ.
އިންކުއަރީ ރިޕޯޓާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނަށް އެ ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، މުޅި ރިޕޯޓު އެއްކޮށް ޝާއިޢުކުރުމަށް ކޮމިޝަނަށް ލަފާދެއްވާފައިވާ ކަމަށެވެ.
ކޮމިޝަނުގެ ރައީސް އަދި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ މައްސަލަ ތަހުގީގު ކުރުމަށް ޔުމްނުގެ ބަޔާން ނެގުމަށް ކޮމިޝަނުން ވަރަށް މަސައްކަތް ކުރި ނަމަވެސް އެކަމުގައި އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.
ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިޔާގައިވެސް ދެ ފުލުހުން ވަނީ ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އާއިލާގެ އެއްބާރުލުން ނުލިބޭތީ އަދިވެސް ޔުމްނުގެ ބަޔާން ނެގިފައި ނުވާކަމަށެވެ. އާއިލާގެ ފަރާތުން މީގެ ކުރިން ބުނެފައިވަނީ ޔުމްނުގެ ބަޔާން ނަގަން ފުލުހުން ރަސްމީކޮށް އެދިފައި ނުވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މޫމިން ބުނީ އާއިލާއިން އެއްބާރުލުން ނުދޭކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށެވެ. މޫމިން ބުނެފައިވަނީ ޔުމްނުގެ ސިއްހީ ހާލަތު ހުރީ ބަޔާން ދެވޭ ގޮތަކަށް ނޫން ކަމަށާއި، އެ ހާލަތުގައި ޔުމްނު އޮވެގެން ދޭ ބަޔާނަކީ ޝަރީއަތުގެ މަޖިލީހުގައި ބަލައިގަންނާނެ ބަޔާނަކަށް ނުވާނެ ކަމަށެވެ. އަދި އާއިލާއިން ވެސް ބޭނުންވަނީ ޔުމްނުގެ ބަޔާން ވީ އެންމެ އަވަހަކަށް ނަގަން ކަމަށްވެސް މޫމިން ބުންޏެވެ.