ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އައިބީ އައްޑޫ ކައުންސިލަށް ފާޑު ވިދާޅުވެއްޖެ

މަރްޔަމް ނިއުމާ
 
21 ދުވަސް ކުރިން

 ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުންގެ ހިޔާލު ހޯދަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އައްޑޫ ކައުންސިލަށް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުރިޔަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އިބްރާހިމް ދީީދީ ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 އަހަރު ފުރުނުއިރު އެކަށިގެންވާ ބަދަލެއް ގެނެވިފައި ނެއްކަމަށާއި މިހާރު ތިއްބެވި ކައުންސިލަރުންނަކީ ވިސްނުން ތެރިކަމެއް އިހްލާސްތެރިކަމެއްނެތް ބައެއްކަމަށެވެ. 

މިމޭރުމުން ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ ކައުންސިލުން 40 މީހުން ގޮވައިގެން ބޭރުގައުމުތަކަށް، އައްޑޫ ޕރޮމޯޓް ކުރުމުގެ ނަމުގައި ދިޔަނަމަވެސް ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށާއި ކުރަމުން ދަނީ ބޭކާރު ހަރަދު ކަމަށެވެ. އަދި އަތްނުފޯރާވަރުގެ ބާރުތައް ދިނުމުން 15 އަހަރު ވިއިރު ކުރެވުނު ކަމެއް ނެތް ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ކައުންސިލް ތަކުން ވަކިބަޔަކަށް ވަކި ގޮތަކަށް ކަންކޮށްދޭ ކަމަށް ތުހުމަތު ކުރަމުން  އިބްރާހިމް ދީދީ ވިދާޅުވީ ކައުންސިލުން ބޭނުން ވާގޮތަކަށް ބޭނުން ބަޔަކަށް ނޫނީ ގޯއްޗެއްވެސް ނުލިބޭ ކަމަށެވެ. 

މީގެއިތުރަށް ބަހުސް ގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ މިހާރު އޮތް ލާމަރުކަޒީ ނިޒާމަކީ ތާކުންތާކު ނުޖެހޭ ނިޒާމެއް ކަމަށާއި ކުދި އާބާދީ ތަކުގައި ފަސް ކައުންސިލަރުން ތިބުމާއި ބޮޑެތި އާބާދީ ތަކުގައި އެއްމެ ކައުންސިލަރަކު ހުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. 

މި ގަރާރަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ލާމަރުކަޒީ ޤާނޫނަށް 15 އަހަރުވިއިރު އެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ އެންމެ ރަނގަޅު އިސްލާހުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށްވެސް ގަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން އިއްތިފާގުވެއެވެ.