ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަންކޮށް، އެވޯޑް ދީފި

މަރްޔަމް ނިއުމާ
 
22 ދުވަސް ކުރިން

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދްމަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކޮށް އެފަރާތްތަކަށް، ދޭ ހޮޓެލިއާ މޯލްޑިވްސް 2025 އެވޯޑް 23 ފަރާތަކުން ހާސިލް ކޮށް، ޓީމް ކެޓެގެރީ އިން ހަތަރު ރިޒޯޓަކުން އެވޯޑް ހާސިލް ކޮފިއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ދޭ މި އަހަރުގެ އެވޯޑަށް 450އަށް ވުރެ ގިނަ ފަރާތަކުން ކުރިމަތިލާފައިވާ އިރު 600،000 ވުރެ ގިނަމީހުން ވޯޓް ލާފައިވެއެވެ.

މިރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ "ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ މައިގަނޑު ބިންގާ. ނަމަވެސް މި ސިނާއަތު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މީހުންގެ މުހިންމުކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ،" ވަޒީރު ވިދާޅުވިއެވެ.

މި ހުށަހެޅުންތައް ވަނީ 6 މެންބަރުންގެ ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކޮށް މާކްސް ދީފަ އެވެ. 

މިއެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅީ ފަނޑިޔާރުންގެ މާކްސްގެ %60 އާއި 25 މާޗުން 25 އޭޕްރީލްގެ ނިޔަލަށް ކުރިއަށްގެންދިޔަ އާންމު ވޯޓުގެ %40 ހިމެނޭ ގޮތަށެވެ.

މި އަހަރުގެ އެވޯޑުގައި އައު ހަތަރު ކެޓެގަރީއެއްވެސް ވަނީ ތައާރަފުކޮށްފައެވެ. އެއީ ވޯޓާ ސްޕޯޓްސް ޕާސަނާލިޓީ އޮފް ދަ އިޔާ، ޑައިވިންގ ޕާސަނާލަޓީ އޮފް ދަ އިޔާ، އެއާޕޯޓް ރެޕްރެޒެންޓޭޓިވް އޮފް ދަ އިޔާ އަދި ރިސޯޓް މެނޭޖަރ އޮފް ދަ އިޔާއެވެ. 

މިހަފްލާގައި ހޮޓެލް ޓީމް އޮފް ދަ އިޔާ ލިބިފައި ވަނީ ހިލްޓަން މޯލްޑިވްސް އަމިންގިރި ރިޒޯޓްސް އެންޑް ސްޕާ  

ޓްރެއިނިން އެންޑް ޑެވެލޮޕްމަންޓް ޕްރޮގްރާމް އޮފް ދަ އިޔާ ލިބިފައި ވަނީ މެރިއޮޓް އިންޓަނޭޝަނަލްގެ ދަ މެރިއޮޓް ކުރިމަގު ލީޑާޝިޕް ޕްރޮގްރާމް 

ސަސްޓެއިނިބިލިޓީ ޗެމްޕިއަން އޮފް ދަ އިޔާ ލިބިފައިވަނީ އޯޒެން ލައިފް މާދޫ 

 ސީއެސްއާރު ޕްރޮގްރާމް އޮފް ދަ އިޔާ ހޯދާފައިވަނީ ސިކްސް ސެންސް ލާމު 

މީގެއިތުރުން ދިގު މުއްދަތައް ހިދުމަތް ކޮއްދެއްވާފައިވާ ހަތަރު ފަރާތަކަށް އެވޯޑް ދީފައިވެއެވެ. މި ޝަރަފްވެރިކަމުގެ ހާއްސަ އެވޯޑް ލިބިފައިވަނީ ބަނޑޮސް މޯލްޑިވްސްގެ އިންޖިނިއަރިން މެނޭޖަރު މުހައްމަދު ފުއާދު އާއި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ ހައުސްކީޕިން މެނޭޖަރު މުހައްމަދު ހާޝިމް އާއި ވިލާ ރިސޯޓްސްގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އަލީ ރަޝީދު އާދަމް ގެ އިތުރުން  ކޮކޯ ބޮޑު ހިތީގެ ރެސްޓޯރަންޓް މެނޭޖަރުގެ މަގާމުގައި 50 އަހަރުގެ ިގުމުއްދަތަށް ޚިދުމަތް ކޮށް މި އަހަރު ރިޓަޔާކުރެއްވި ހުސައިން މަނިކުފާނުއެވެ.

މި ފަހަރުގެ އެވޯޑް ރަސްމިއްޔާތުގެ ޓައިޓަލް ސްޕޮންސަރަކީ ބެސްޓް ބައި މޯލްޑިވްސްއެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ގޯލްޑް ޕާޓްނަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ޕްރޮފެޝަނަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ހަމައެކަނި އެވޯޑަކީ ހޮޓެލިއާ މޯލްޑިވްސްގެ އެވޯޑުކަން ފާހަގަކޮށްލެވެއެވެ.