ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ 68 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. އެއްއަހަރު ދުވަހުގެ މި ޕްރޮގްރާމުގައި ތަފާތު އެކި ދާއިރާތަކުން ޒުވާނުން ވަނީ ތަމްރީނުކޮށްފައެވެ.
މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް މި ދާއިރާގައި މަސައްކަތް ކުރާނެ ޒުވާނުންތަކެއް ބިނާކުރުމަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. އަދި ވަޒީފާގެ މާޙައުލުގައި މަސައްކަތްތައް އަދާކުރުމުގައި ތަޖުރިބާކާރުންގެ ފަރާތުން ތަމްރީނާއި ތަޖުރިބާ ޒުވާނުންނަށް ހޯދައިދިނުމަކީ މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަޤްސަދެކެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެމްއެންޔޫގެ ކޮލެޖް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ ޑީން ޑރ. އަހްމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑުބައެއް ހިއްސާކުރާ ސިނާއަށް ކަަށާއި މިފަދަ އެޕްރެންޓީސްޝިޕް ޕްރޮގްރާމުތަކުގެ ސަބަބުން މި ދާއިރާއިން ޒުވާނުން ބިނާކުރެވުމުން ޤައުމުގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންގޮސްދެވޭނެ ކަަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޯރ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާގިރާވަރުގެ ޖެނެރަލް މެނޭޖަރ އާމަންޑޯ ކްރީޒްލިން ވަނީ ޒުވާނުން ބާރުވެރިކޮށް މި ދާއިރާއިން ގިނަ ޒުވާނުންތަކެއް ބިނާކުރުމަށް އެ ރިސޯޓުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުންޖީއެމް އާމަންޑޯ ކްރީޒްލިން ވިދާޅުވި ފޯރ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާތާ މިހާރު 25 އަހަރު ވެއްޖެ ކަމަށާއި މި ޕްރޮގްރާމުން މިހާތަނަށް 997 ޒަވާނުން ތަމްރީނު ކުރެވިފައިވާކަމަށެވެ.
މި ޕްރޮގްރާމް ނިންމި ދަރިވަރުން ފާހަގަކުރައްވާ ގޮތުން މި ޕްރޮގްރާމުގެ ސަބަބުން ތަފާތު ކަންކަމާއި ބެހޭގޮތުން އިލްމީ އަދި ޢަމަލީ ތަޖުރިބާތަކެއް ލިބިގެންދިޔައެވެ.
68 ޒުވާނުން، ފޯރ ސީޒަންސް ރިސޯޓް މޯލްޑިވްސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލާފައިވާއިރު، މީގެ ތެރެއިން 19 ޒުވާނަކަށް މި ދާއިރާއިން އިތުރު އެއް އަހަރު ކިޔެވުމުގެ ފުރުޞަތު ވަނީ ދީފައެވެ. އަދި މީގެ އިތުރުން 2026ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ގުޅުނު 73 ޒުވާނުންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ މަރުހަބާކިޔާފައެވެ.