ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ މޮޓޯސްޕޯޓްސް އެސޯސިއޭޝަން، ބައިނަލްއަޤްވާމީ މޮޓޯސްޕޯޓްސް ފެޑެރޭޝަން (އެފް.އައި.އޭ) ގެ ކޮންފަރެންސްގައި ބައިވެރިވެއްޖެއެވެ.
ޖޫން 10 އިން 12 އަށް މަކާއުގައި ހުންނަ ގެލެކްސީ މަކާއު ރިސޯޓުގައި ބޭއްވުނު ބައިނަލްއަޤްވާމީ މޮޓޯސުޕޯޓްސް ފެޑެރޭޝަން (އެފް.އައި.އޭ) ގެ އަހަރީ އާއްމު ޖްލްސާ އަދި ކޮންފަރެންސްގައި ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ރޭމް) އިން ބައިވެރިވެއްޖެއެވެ.
މިއީ އެފް.އައި.އޭ އިން އެ ފެޑެރޭޝަންގެ މެންބަރު ޖަމްޢިއްޔާތަކަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކު ދެ ކޮންފަރެންސް ބާއްވައެވެ. މިއީ މިއަހަރުގެ ފުރަތަމަ ބައްދަލުވުމެވެ. ދެވަނަ ބައްދަލުވުން އޮންނާނީ މި އަހަރުގެ ޑިސެންބަރު މަހުގައެވެ.
ރޭމްގެ ރައީސް، ދިވެހިރާއްޖޭގެ މޮޓޯސްޕޯޓްސްގެ ޙާލަތާއި މިހާރު ކުރިއަށްގެންދާ ޙަރަކާތްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވީ މިއީ ރޭމް އެފް.އައި.އޭ ގެ މެންބަރަކަށްވެ ބައިވެރިވާ ފުރަތަމަ ކޮންފަރެންސް ކަމަށާއި މި ކޮންފަރެންސްގައި ބައިވެރިވުމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށެވެ.
ރޭމްގެ ރައީސް މުހައްމަދު ޝާމިޙް (ޝާމް) ވިދާޅުވީ، "މެންބަރަކަށްވެ މިފަދަ މުހިންމު އިވެންޓެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެކެވެ. މި ކޮންފަރެންސްއިން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި އާލާކުރުމަށް އިތުރު ޚިޔާލުތައް ލިބިގެން ދިޔައެވެ. އެންމެ މުހިންމު ކަމަކީ އެފް.އައި.އޭ އާއި އޭޝިއާ ސަރަޙައްދުގެ މެންބަރު ޖަމްޢިއްޔާތަކާއެކު އުފެދުނު ގުޅުމެވެ. މިއީ ދިވެހިރާއްޖޭގެ މޮޓޯސްޕޯޓްސްއަށް ވަރަށް ގިނަ ގޮތްގޮތުން ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި އަވައްޓެރި ޤައުމުތަކަށް އަޅުގަނޑުމެންގެ ކުޅުންތެރިން މުބާރާތްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ދިއުމުގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމެކެވެ."
ކޮންފަރެންސްގައި އެފް.އައި.އޭ ގެ ރައީސް މުޙައްމަދު ބިން ސުލައިއަމް ރޭމްގެ މެންބަރުންނާ ބައްދަލުކުރައްވާ ޔަޤީންކަން ދެއްވީ . ޤައުމުގެ ބޮޑުކުޑަމިނަށް ބެލުމެއްނެތިފެޑެރޭޝރޭޝަންގެ ދަށުގައިވާ ހުރިހާ މެންބަރު ޤައުމުތަކަށް އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަމެވެ.
އެފް.އައި.އޭ ގެ ރައީސް މުޙައްމަދު ބިން ސުލައިއަމް ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފުކޮށް، ރާއްޖެފަދަ ގައުމެއްގައި މޮޓޯސްޕޯޓްސް ހީނުކުރާހާބޮޑަށް ފާއިތުވެމިދިއަ 7 އަހަރު ތެރޭގައި ކުރިއަރާފައިވާކަމާއި، އަދި އެފް.އައި.އޭ މެންބަރަކަށް ރާއްޖެ ވީތީ އުފާކުރާކަމަށެވެ.
ރޭމް އިން ކުރަމުންދާ ބުރަމަސަކަތް ފާހަގަ ކޮށް ސުލައިއަމް ވިދާޅުވީ އެފް އައީ އޭ އޮންނާނީ މިފަދަ ޤައުމުތާކާއި އެކުގައި ކަމަށެވެ. ރޭސިންގ އެސޯސިއޭޝަންގެ ފަރާތުން އެފް.އައި.އޭ ގެ ރައީސްއަށް ދިވެހިރާއްޖެ ރަމްޒުކޮށްދޭ ހަނދާނީ ހަދިޔާއެއްވެސް ވަނީ އަރުވާފައެވެ.
ރޭމްގެ އޯގަނައިޒިންގް ސެކްރެޓަރީ މުޙައްމަދު ހަމްދާން ވިދާޅުވީ، މިއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑުފަޙުރެއް ކަމަށާއި ޖަމިއްޔާއިން ކުރަމުނދާ މަސައް ކަތާއި އެއްވަރަށް ކަންކަން ނުކުރެވިފައިވާ ބޮޑެތި ޤައުމުތައް ހިމެނޭކަމަށެވެ. އަދި ރޭމް ގެ އިވެންޓްތަކުގެ ފޮޓޯއާއި ވީޑިއޯ ފެނި ބައެއް ބޮޑެތި ޤައުމުތަކުން ހައިރާންވިކަމަށެވެ.
މި ކޮންފަރެންސް ގައި ބައިވެރިވުމަށް މާލީގޮތުން އެހީތެރިވެ ދެއްވި ކަމަށްޓަކައި މިނިސްޓަރ އަބުދުއް الله ރާފިޔުއަށް އެސޯސިއޭޝަންގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކުރަމުން އެސޯސިއޭޝަންގެ ނައިބު ރައީސް ޝަރުވާން ޝަރީފް ވިދާޅުވީ އެތުލީޓުން ތަމްރީނުކޮށް ބައިނަލްއަޤްވާމީ އިވެންޓްތަކަށް ފޮނުވުން މިހާރު ވަރަށް މުހިންމު ކަމަށާއި، ރާއްޖޭގެ ވެރިރަށުގައި ހުއްޓިފައިވާ މޮޓޯސްޕޯޓްސް ޙަރަކާތްތައް އަލުން ފެށޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކުޅީވަރާއި ބެހޭ މިނިސްޓްރީ އިން އެދޭކަމަށެވެ.
ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އުންމީދަކީ މިފަދަ ކޮންފަރެންސްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގައި ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމެވެ. އަދި ސަރުކާރާއެކު މަޝްވަރާކޮށް، ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައި، ވީހާވެސް އަވަހަކަށް ކުޅިވަރު އަލުން ފެށުމެވެ.