ޓީއެންޓީ އިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖު މިރޭ ފަށައިފިއެވެ.
މެއި މަހުގެ 2 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ފަށާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ދެ ދަނޑުގައެވެ. އަދި ކުއާޓާ ފައިނަލުން ފެށިގެން ފައިނަލާއި ހަމަޔަށް ކުޅެން ހަމަޖެހިފައިވަނީ ރެހެންދި ފުޓްސަލް ދަނޑުގައިކަމަށް މުބާރާތް ހިންގާ ޓީއެންޓީ ކުލަބްގެ ރައީސް ސަހުލާ ނާހިދު ޖުމްލަ ނޫހަށް މައުލޫމާތުދެއްވިއެވެ.
މި މުބާރާތުގެ މަޤްސަދަކީ މުޅި ރާއްޖޭގައި އުފެދިފައިވާ ފުޓްބޯޅަ ހުނަރުވެރިންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ދިނުމެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 20 ޓީމު ބައިވެރިވެފައިވާއިރު މިފަހަރުގެ މުބާރާތުގައި 30 ޓީމު ބައިވެރި ވެފައިވެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ލިބޭއިރު، ރަނަރަޕް ޓީމަށް 15،000ރުފިޔާ ލިބޭ ޒުވާން އުމުރުފުރާއަށް ހާއްސަ މި މުބާރާތުގައި ނަން މަޝްހޫރު ގިނަ ޓީމުތަކެއް ވާދަކުރެއެވެ.