26 ޖެނުއަރީ 2026 ގައި ބޭއްވުނު ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެންމެ ފަހު މެޗުގެ ތެރެއިން | ފޮޓޯ: ސާ

ފުޓްސަލް ޓީމް ހޯދި ކާމިޔާބީ ފާހަގަކުރުމަށް މާދަމާ ހަވާއަރުވަނީ

މުހައްމަދު ހަމީޒް
 
9 ދުވަސް ކުރިން

ސާފް ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ކާމިޔާބުކުރުމާ ގުޅިގެން، ގައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމަށް މާދަމާ ރޭ ހަވާ އެރުވުމާއެކު ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސަތޭކަ އިންސައްތަ ރެކޯޑަކާ އެކުގައެވެ.

ސްޕޯޓްސް މިނިސްޓްރީން މައުލޫމާތު ބުނި ގޮތުގައި، ގައުމީ ފުޓްސަލް ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 19:45 ގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން ޓީމަށް މަރުހަބާ ކިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އާއި އެފްއޭއެމްގެ އިސް އޮފިޝަލުންނެވެ. އެއަށްފަހު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މާލެ އައުމަށް ހަމަޖެހިފައިވަނީ ހާއްސަ ލޮރީއެއްގައެވެ.

މާދަމާ ރޭ 22:00 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓީމާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވާނެއެވެ. މި ރަސްމިއްޔާތުގައި ތަށި ހަވާލުކުރުމާއި، ތިން މިނިޓުގެ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ. 

ބެންކޮކްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފަހު މެޗުގައި މިއަދު ރާއްޖެއިން ވަނީ ސްރީލަންކާގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ކެޕްޓަން މުހައްމަދު އިމްރާން ދެ ލަނޑު ޖެހިއިރު، ހުޒައިފަތު ރަޝީދު އާއި ހުސައިން ސުހައިލް ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހިއެވެ. އަނެއް ލަނޑަކީ ލަންކާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ލީގު އުސޫލުން ކުޅުނު މި މުބާރާތުގައި ރާއްޖެއިން ވަނީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓް ހޯދާފައެވެ. މިއީ ސަރަހައްދީ ފެންވަރުގެ މުބާރާތަކުން ރާއްޖޭގެ ފުޓްސަލް ޓީމު ހޯދި ފުރަތަމަ ބޮޑު ކާމިޔާބީއެވެ.

މުބާރާތުގެ ދެވަނަ އަދި ތިންވަނަ ކަށަވަރުވާނީ މިރޭ ކުޅޭ އިންޑިއާ އާއި ޕާކިސްތާންގެ މެޗަށް ފަހުގައެވެ.