ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ ފަސްވަނަ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ ރަށުގެ ޓީމުތަކަށް އެކަނި ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ވާދަކުރަނީ ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން ފަސް ޓީމެކެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން އެންބްލެކް އެފްސީ އާއި، 2023 ގެ ޗެމްޕިއަން ޑާކް ވުޑް ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބް ޑާކް ވުޑް އަދި ބަފާނާ ސްޕޯޓްސް ކްލަބް ހިމެނެ އެވެ. މީގެ އިތުރުން މުޅިން އަލަށް މުބާރާތުގައި ވާދަކުރާ އެޑީ ސްޕޯޓްސް ކްލަބްވެސް މިފަހަރު ފެނިގެންދާނެ އެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ސީދާ ފައިނަލުން ފުރުސަތު ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު ތާވަލުގެ ދެވަނަ އަދި ތިންވަނަ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް ކާމިޔާބުކުރާ ޓީމަކަށެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހަށެވެ.
ޖުމްލަ 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ މި މުބާރާތުގެ ލީގު ބުރުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅޭނެ އެވެ.
ގާތްގަނޑަކަށް 1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފޭދޫގައި ބާއްވާ މި މުބާރާތުގެ ގުރުއަތުލުން މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮޑި އިންޓީރިއަރ މެއިން ސްޕޮންސަރުގެ ގޮތުގައި ހަމަޖައްސާފައިވާ މި މުބާރާތުގެ ހުރިހާ މެޗެއްގެ ފޭދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.