މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ށ.ފޭދޫ ކައުންސިލުން ވަނީ ފުޓްސަލް އަދި ހޭންޑުބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި މަހުގެ 17 ވަނަ ރެއިން ފެށިގެން 25 ވަނަ ރޭގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވަނީ ޖުމްލަ 5 ފުޓްސަލް ޓީމާއި 3 ހޭންޑްބޯޅަ ޓީމެވެ. 1 ވަނަ އަށް ދާ ޓީމުގެ އިނާމަކީ 15،000 ރުފިޔާއެވެ.
"ޖުމްލަ" އަށް މައުލޫމާތުދެމުން ށ.ފޭދޫ ކައުންސިލުގެ ނައިބު ރައީސް ސުނިލް ވިދާޅުވީ މި މުބާރާތްތަކުގެ ސަބަބުން ރަށުގެ ޒުވާނުން ގެ އެކުވެރިކަމާ އެއްބައިވަންތަކަން ވަރުގަދަ ވެގެންދާކަމަށެވެ.
މުބާރާތް ކައުންސިލުން ބާއްވަން ފެށުމުން ކުޅިވަރުގެ ދާއިރާއިން ރަށުގެ ކުދިން ކުރިއަރައިގެންދާކަން ފާހަގަ ކޮށްލެވެއެވެ. ފުރަތަމަ އަހަރުގެ މުބާރާތަށް ބަލާލާއިރު ވެސް ވަރަށް ގިނަ ކަންކަން ހާސިލްކުރެވިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ރަށުގައި ހުނަރުވެރި ކުޅުންތެރިން އުފެދެމުން ދާކަން ސުނިލް ފާހަގަކުރެއްވިއެވެ.
ރަށުގެ ރައްޔިތުންގެ ހިޔާލުތައް އަޑުއަހާ ޒުވާނުންގެ ލަފާ ހޯދައިގެން، މިދިޔަ އަހަރުތަކުގެ މުބާރާތްތަކަށް ވުރެ މި އަހަރުގެ މުބާރާތް ފުރިހަމަވާނެ ކަމަށް ސުނިލް ވިދާޅުވިއެވެ.
މީގެ އިތުރުން މި މުބާރާތުގެ އޯޕެނިން ނައިޓަށް ސުކޫލު ދަރިވަރުންގެ ނެށުމެއް ތައްޔާރުވަމުން އަންނަކަން ފާހަގަކުރިއެވެ. އަދި ކުޑަ އިއްބެ އާއި އަޝްފާ ވެސް މި ނައިޓުގައި ޕާފޯމް ކުރާނެއެވެ. މުބާރާތުގެ ކުރިން ކައުންސިލުން ވާން ޖެހޭ ހުރިހާ ތައްޔާރީތަށް ވަަރަށް ފުރިހަމައަށް ކުރިއަށް ދަމުން ދާކަމަށް ވިދާޅުވިއެވެ.