މިއަދު ހަވީރު 16:00 އިން 18:00 އަށް މާލެއާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ދެ ދުވަސް ކުރިން ބުނެފައިވަނިކޮށެވެ.
އޭގެ ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ ވެހިކަލް ދުއްވުން މަނާވާނީ ހަމައެކަނި މާލެއާއި ވިލިމާލޭގައި ކަމަށެވެ.
ފުލުހުންވެސް މިއަދު ބުނެފައިވަނީ ހަމަ އެފަދައިންނެވެ. ހުޅުމާލޭގައި ވެހިކަލް ނުދުއްވޭނެ ވާހަކައެއް ފުލުހުންވެސް އަދި މިނިސްޓްރީންވެސް ބުނެފައެއް ނުވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ މި ނިންމުމާ ހިލާފުވެއްޖެނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނި މަނާ ވަގުތުތަކުގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ސިޓީ ކައުންސިލުން ހާއްސަ ސްޓިކާއެއް ދޭނެ ކަމަށާއި މިއަދު މެންދުރު ފަހު 3:45 ވަންދެން ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން އެ ސްޓިކާ ދޫކުރާނެ ކަމަށެވެ.