އަރަފާތް ދުވަހު ފަލަސްތީނުގެ މުސްލިމުންނަށް ހެޔޮ ދުއާކޮށްދެއްްވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.
ވަޒީރު މިފަދައިން އެދިވަޑައިގެންނެވީ އަރަފާތު ބިމުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ވަޒީރު ވިދާޅުވީ، މިއަދު އަރަފާތު ދުވަހާއި ބައްދަލުވެފައި މިވަނީ މުސްލިމް އުއްމަތަށް އުފާވެރި ދުވަސްތަކެއްގައި ނޫންކަމަށާއި ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންގެ މަތިން ހަނދުމަކޮށް ހެޔޮ ދުއާކޮށްދޭން ޖެހޭނެކަމަށެވެ.
"އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިސްސަ މިތިބީ. މި ހުރިހާ ކަންކަމަކުންވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަހުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫހާނިއްޔަތުކަމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއް ބަޔަކާއި ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރިކަމެއް އަރަފާތް ދުވަހުގެ އަޅުކަމަކީ." ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ހައްޖު މޫސުމަށް ސައުދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ހައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްހަތާއި ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމްކުރައްވާތީ، ވަޒީރު ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި ހައްޖުވެރިންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށާއި ހައްޖުވެރިން މިއަދު ވަގުތުތައް ހޭދަކުރާނީ އަރަފާތުގައި ގާއިމްކޮށްފައިވާ ޓެންޓުތަކުގައިކަމަށް ހައްޖު މިޝަންއިން ބުނެފައިވެއެވެ.