އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން "ކުރު އުމްރާ" ގެ ނަމުގައި އާ ޕެކޭޖެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ތައާރަފްކޮށްފިއެވެ. މިއީ އާންމުކޮށް އޮންނަ އުމްރާ ގުރޫޕުތަކާ ނުގުޅި، އަމިއްލަ ފަސޭހަޔަށް ދަތުރުގެ ކަންކަން ބައްޓަންކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތެކެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވި ގޮތުގައި، މި ޕެކޭޖަކީ ވިޔަފާރި ދަތުރުތަކާ ގުޅުވައިގެން އުމްރާ ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިގޮތުން އުމްރާގެ އަޅުކަމަށްފަހު ދުބާއީ ފަދަ ގައުމަކަށް ވިޔަފާރި ދަތުރެއް ކުރަން ބޭނުންވާ ނަމަ، އެ ގައުމަކަށް ދިއުމަށް ބޭނުންވާ ވިސާގެ ކަންކަން ވެސް މި ޕެކޭޖުގެ ދަށުން ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޕެކޭޖުގެ ދަށުން ލިބޭ މުހިންމު ލުއިފަސޭހަތައް
މި ޕެކޭޖުގެ އެންމެ ހާއްސަ އެއް ކަމަކީ ދަތުރުގެ ހުރިހާ ކަމެއްގައި އިހުތިޔާރު އަމިއްލަ ފަރާތަށް އޮތުމެވެ. އެގޮތުން ދަތުރުކުރާނެ ފްލައިޓާއި، ފްލައިޓުގެ ކްލާސް އަދި ސައުދީގައި ހުންނާނެ ހޮޓާ ވެސް އަމިއްލައަށް އިހުތިޔާރު ކުރެވޭނެއެވެ. މީގެ އިތުރުން، އެ މީހެއްގެ ބަޖެޓާ އެކަށީގެންވާ ރޭޓެއްގެ އުޅަނދުތަކުގައި ސައުދީ އަރަބިއްޔާގެ އެތެރޭގެ ދަތުރުފަތުރު ހަމަޖައްސައިދިނުމުގެ އިންތިޒާމު ވެސް ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭނެއެވެ.
މި ޕެކޭޖު ފަރުމާކޮށްފައިވަނީ އެކަނި އުމްރާ ކުރަން ބޭނުންވާ ފަރާތްތަކަށާއި، އާއިލާ ނުވަތަ ވަކި ގުރޫޕެއްގެ ގޮތުގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ގޮތަށް އިންތިޒާމުތައް ހަމަޖެއްސޭނެ މަގު ފަހިވާނެ ގޮތަށެވެ. އަދި ޒިޔާރަތް ކުރަން ބޭނުންވާ ހާއްސަ ތަންތަނަށް ދިއުމަށް އެންމެ ފަސޭހަ ވަގުތުތައް ވެސް މި ޕެކޭޖުގެ ދަށުން ކަނޑައެޅިދާނެއެވެ.
ހައްޖު ކޯޕަރޭޝަނުން އިތުރަށް ވިދާޅުވީ، އުމްރާއަށް ދާން ގަސްތުކުރާ ހިސާބުން ފެށިގެން ދަތުރު ނިމެންދެން ބޭނުންވާ ހުރިހާ އިރުޝާދެއް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ. "ދަތުރާ ގުޅޭ ފަންނީ ތަޖުރިބާޔާ އެހީތެރިކަމާ ލަފާ އަޅުގަނޑުމެން ދޭނަން،" އެ ކުންފުނިން ބުންޏެވެ. މި ޕެކޭޖުގެ ދަށުން ފައިސާ ދައްކަން ޖެހޭނީ ވެސް އެމީހަކު އިހުތިޔާރުކުރާ ހިދުމަތްތަކަށް އެކަންޏެވެ.
މި ޕެކޭޖާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހައްޖު ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1435 ނުވަތަ 7961012 އަށް ގުޅުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.