ދިވެހި ހައްޖުވެރިންތަކެއް. ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

މި މަހުގެ 13 ވަނަ ދުވަހު ހައްޖުވެރިން އަންނަން ފަށާނެ

މަރިޔަމް ސަމްހާ
 
9 މަސް ކުރިން

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ހައްޖުވެރިން މި މަހުގެ 13 ވަނަ ދުވަހު އަންނަން ފަށަން ހަމަޖެހިއްޖެއެވެ.

ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ. 

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފްލައިޓުގެ ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ހައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވަނީ ހައްޖުގެ އަޅުކަމަށް ފަހު މީހުން އަނބުރާ އަންނައިރު، ތޮއްޖެހުން ކުޑަކޮށް، ރޯގާތައް ފެތުރުން ކުޑަކުރުމަށް މަދުން މީހުން ދިއުމަށް އެދިވަޑައިގެންފައެވެ.

ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު މިއަދު ވަނީ މަދީނާއަށް ފުރަން ފަށާފައެވެ. އެގޮތުން ފުރަތަމަ ގުރޫޕުގެ ހައްޖުވެރިން މިއަދު ވަނީ މަދީނާއަށް ފުރާފައެވެ.