ދިވެހި ހައްޖާޖީން. / ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖުގެ އަޅުކަމަށް 171 ގައުމަކުން 1.6 މިލިއަން މީހުން ދިޔަ

މަރިޔަމް ސަމްހާ
 
9 މަސް ކުރިން

މިއަހަރުގެ ހައްޖުގެ އަޅުކަމަށް 171 ގައުމަކުން 1.6 މިލިއަން މީހުން ދިޔަ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ސައުދީ ސަރުކާރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެގައުމުގެ ބޭރުން، އެހެން ގައުމުތަކުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ މީހުންގެ އަދަދަކީ 1،506،576 އެވެ. އަދި ސައުދީން 166،654 މީހުންނެވެ.

އޭގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން 877،841 ފިރިހެނުން ހައްޖުކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ގިނަ މީހުން ހައްޖުގެ އަޅުކަމަށް މިފަހަރުވެސް ގޮސްފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން 1،435،017 މީހުން ވައިގެ މަގުން ގޮސްފައިވާއިރު، ކަނޑުމަގުން 5،094 މީހުން އަދި އެއްގަމު މަގުން 66،465 މީހުން ގޮސްފައިވެއެވެ.

މީގެ އިތުރުން ހައްޖާޖީންނަށް ލުއިގޮތްތައް ހަމަޖައްސައިދޭ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ދަށުން މިފަހަރު 314،337 މީހުން ހައްޖަށް ގޮސްފައިވެއެވެ. އޭގެ ތެރޭގައި މިފަހަރު ދިވެހި ހައްޖާޖީންވެސް ވަނީ ހިމެނިފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްއަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ތައާރަފުކޮށްފައިވާ، ހައްޖު އަދި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެއްވޭނެ ގޮތް ހަމަޖައްސައިދޭ ހާއްސަ ޕްރޮގްރާމެކެވެ.