ހައްޖުވެރިންގެ ސިއްހީ ޝަރުތުތަކާއި އިރުޝާދުތައް ސައުދީ އަރަބިއްޔާއިން އަންގައިފި

އާއިޝަތު އަނާ ރަޝީދު
 
4 މަސް ކުރިން

އަންނަ އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ހައްޖުވެރިންގެ ސިއްހީ ޝަރުތުތަކާއި އިރުޝާދުތައް ސައުދީ އަރަބިއްޔާގެ ފަރާތުން އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފިއެވެ. 

މިއީ ހައްޖުވެރިންގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.


ސިއްހީ ޝަރުތުތަކުގެ ތެރޭގައި، ހައްޖުވެރިންގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ކަންތައްތަކެއް ހިމެނެއެވެ. އެގޮތުން، ސަރުކާރުން ގަބޫލުކުރާ ސިއްހީ މަރުކަޒަކުން ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހޯދުމާއި، ސައުދީ ސިއްހަތާބެހޭ ވުޒާރާގެ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުން ހިމެނެއެވެ.


މީގެއިތުރުން، ވަކި ބާވަތްތަކެއްގެ ބަލިތައް ހުރި މީހުންނަށް ހައްޖަށް ނުދެވޭނެކަން ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ އަސާސީ ގުނަވަންތައް ފެއިލްވެފައިވާ މީހުން، ހާޓް ފެއިލިއަރ ހުންނަ މީހުން، ޑައިލަސިސް ހަދާ މީހުން، ނަފްސާނީ ބަލި ހުންނަ މީހުން، ޑިމެންޝިއާ ޖެހިފައިވާ މީހުން، މާބަނޑު އަންހެނުން، އަދި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.


ރާއްޖެއަށް ލިބިފައިވާ 1,000 މީހުންގެ ކޯޓާގެ ތެރެއިން 850 މީހުންނަށް ކިޔޫ ތަރުތީބުން، 100 މީހުން އެހީތެރިންގެ ގޮތުގައި، އަދި 50 މީހުން ސަރުކާރުގެ ޚަރަދުގައި ފަގީރުންގެ ލިސްޓުން ހައްޖަށް ދެވޭނެއެވެ.