ކުރިއަށް އޮތް ރަމަޟާންމަހުގެ ފަހު ފަނަރައިގައި އުމްރާއަށް ދިއުމަށް އިތުރު ފުރުސަތެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ރަމަޟާންމަހުގެ ފަހު ފަނަރައިގައި އުމްރާއަށް ދިއުމުގެ އިތުރު ފުރުސަތުތަކެއް ހުޅަލީ، ރަމަޟާންމަހަކީ އަޅުކަމުގެ މަހަކަށްވެފައި، އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިއުމަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން އަހަރުގެ ހައްޖު ދުވަސްތައް ފިޔަވައި އެހެން ހުރިހާ ދުވަސްވަރެއްގައިވެސް ޢުމްރާއަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް ރަމަޟާން އަދި ސްކޫލް ބަންދު ދުވަސްވަރަކީ އުމްރާއަށް ދިއުމަށް ވަރަށް ޑިމާންޑު ބޮޑު ދުވަސްތަކެކެވެ. ވުމާއެކު މިއަހަރުގެ ރަމަޟާންމަހުގައިވެސް މުޅި ރަމަޟާން އުމްރާ އަދި ފަހު ފަނަރައިގެ އުމްރާއަށް ދިއުމަށް ގިނަ ބަޔަކު އެދެމުންދާތީ، ހައްޖު ކޯޕަރޭޝަނުން މިހާރު ރަމަޟާންމަހުގެ ފަހު 15 ގެ އުމްރާއަށް ދިއުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފައެވެ.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މި ފުރުސަތު ދިނުމަށް ނިންމާފައިވަނީ ވީ އެންމެ އަވަހަށް ރަޖިސްޓްރީވެ ފައިސާ ދައްކާ ފަރާތްތަކުގެ ތަރުތީބުން ކަމަށެވެ.