ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ވަންވޭއާ ޚިލާފަށް ދުއްވި މައްސަލައެއްގައި ބިދޭސީ ދެ ފިރިހެނަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ވަންވޭއާ ޚިލާފަށް ދުއްވި މައްސަލައެއްގައި ބިދޭސީ ދެ ފިރިހެނަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ދެ މީހުންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ދަންވަރު 2:14 އެހައިކަންހާއިރުއެވެ. މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަކަށް، ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ޚިލާފަށް ސައިކަލެއް ދުއްވާފައި ދިޔަތަން ފެނިގެން ވަނީ އެ ސައިކަލު ހުއްޓުވާފައެވެ.
ފުލުހުން އެ ސައިކަލު ހުއްޓުވައި ޗެކްކުރިއިރު، ސައިކަލު ދުއްވަން ހުރި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމާ ގުޅިގެން ސައިކަލު ވަނީ ޓޯ ޔާޑަށް ގެންގޮސްފައެވެ. އަދި ޓޯ ޔާޑުން އެ އުޅަނދު އިތުރަށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ދިމާނުވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެއާއެކު ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ބެލުމުން، އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ވަނީ ކަށަވަރުވެފައެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ހައްޔަރުކޮށް، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.