މިނިސްޓަރު އަލީ އިހްސާން | ފޮޓޯ: ރައްޔިތުންގެ މަޖްލިސް

މިސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ: އިހްސާން

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

މަރުގެ ޙުކުމް ތަންފީޒުކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ސަރުކާރުން ތަންފީޒުކުރައްވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރާނެކަމަށް އެކި ސަރުކާރުތަކުގައި ބުނެފައިވީ ނަމަވެސް، މިހާތަނަށް އެކަން ތަންފީޒުކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް، އަދުގެ ސަރުކާރުން އެމަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް އިޚްތިޔާރެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށެވެ. އެކަން ކުރުމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް އެބަހުރި ކަމަށާއި އެ މަސައްކަތްތައް މިހާރު ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް އެއީ. އަޅުގަނޑުމެން އެކަން ކުރާނެ. އެކަމަކު އެކަން ކުރުމަށްޓަކައި ގަވަރން ކުރަންޖެހޭ މަރުގެ ހުކުމް ތަންފީޒީ މަރުހަލާ ޤާނޫނީގޮތުން ކަވަރ ކުރަން. އެހެންވެ އެއަށް ބޭނުންވާ ޤާނޫނެއް ފަރުމާކޮށްފައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުމުގެ މަސައްކަތް މިވަގުތު އަޅުގަނޑުމެން ކުރަމުންދަނީ. އޭގެ އަނެއް ފަރާތަކީ ތަންފީޒީ މަރުހަލާގެ ތައްޔާރުވާންޖެހޭ ކަންކަމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން." އިހްސާން ވިދާޅުވިއެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ ގާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމީ ޤައުމެއްގައި އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިފަހުން މަރުގެ އަދަބު ދެވޭނެ ހާލަތްތަކުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުންވެސް ވަނީ ހިމަނުއްވާފައެވެ. ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތާއި އޭގެ އަދަދަށް ބަލައި މަރުގެ އަދަބު ކަނޑައެޅޭނެކަން ޤާނޫނުގައިވަނީ ހިމަނުއްވާފައެވެ.