ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި ރައްޔިތުންގެ ފުއްދުންތެރިކަމުގެ އިތުރުން، ގައުމުގެ ބޮޑެތި އިގްތިސާދީ ސިނާޔަތްތައް ފުނޑުފުނޑުވެގެން ގޮސްފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ގައުމުގެ ހާލަތު މި ދަރަޖައަށް ވެއްޓިގެން ދިޔައީ އެމްޑީޕީގެ ދައުރުގައި ކަންތައްތައް ކޮށްފައި ހުރި އިހުމާލުން ކަމަށެވެ. އަދި އެކަން އެ ބޭފުޅުންނަށް ވިސްނިވަޑައިނުގެން ތިއްބެވުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާ ގުޅުވައިގެން ސަރުކާރު ކުންފުނިތަކަށް އިންތިހާއަށް މުވައްޒަފުން ވައްދައި، ކުންފުނިތަކުގެ މާލީ ހާލަތު ގޯސްކޮށްލާފައިވާ ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު އެމްޑީޕީއާ ގައުމު ހަވާލުކުރިއިރު، ދައުލަތުގެ މާލިއްޔަތުގައި ފައިސާ ހުރި ކަމަށާއި ކުންފުނިތައް އޮތީ ރޫފަ ރަނގަޅު ހާލަތެއްގައެވެ. ނަމަވެސް، އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ހަމައެއް ލަމައެއް ނެތި ކުންފުނިތަކަށް މުވައްޒަފުން އިތުރުކޮށް، މަސްވެރިންނާއި ޒުވާނުންނަށް ބެލުމެއް ނެތި ސިޔާސީ ބޭނުންތަކަށް މީހުން ބޭނުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނުޙައްޤުން ވަޒީފާއިން ވަކިކުރާ މީހުން ވަޑައިގެން އަޅުގަނޑުމެންގެ ޕާޓީ ދަފްތަރުގައި މިއީ ނޯޓުކުރައްވާށޭ ބުނި. ދަފްތަރު ފުރުނު އިއްޒަތްތެރި ރައީސް. ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށްޓަކައި ވަޒީފާއިން ވަކިކުރި މީހުންގެ ދަފްތަރު ފުރި ބަންޑުވެގެންދިޔަ،" ޝުޖާއު ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، ގައުމުގެ ހާލަތު ވެއްޓެމުން ދިޔައިރު އެ ބޭފުޅުން އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި މިއަދު ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެ ބޭފުޅުން ދެކޮޅު ހެއްދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، އޭރުގެ އިދިކޮޅު ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) އިން ސަރުކާރުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، އޭރުގެ ސަރުކާރުން އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާ ކަމަށެވެ.