ވިލާތުގެ އިއްތިހާދު، އީޔޫ އާއި ބެލްޖިއަމަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ މަގާމަށް ދިޔާނާ އައްޔަން ކުރެއްވުމެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ. މި މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
ކޮމިޓީގެ މަރުހަލާގައި ދިޔާނާގެ ނަންފުޅު ދިރާސާކުރުމަށްފަހު، ކޮމިޓީގެ މެންބަރުން ނިންމާފައި ވަނީ އޭނާއަކީ އެ މަގާމަށް ގާބިލު، އަދި ޝަރުތު ފުރިހަމަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން، ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ދިޔާނާ ސަފީރުކަމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިޔާނާ ސަފީރު ކަމަށް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ.
މިފަހުން ދިޔާނާ ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަނުކޮށްފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ބަންޑާރަނައިބުގެ މަގާމު އަދާކުރައްވާފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ޖެންޑަރ މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.
ދިޔާނާއާއި އެކު އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަނުކުރެއްވީ ކުރީގެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފް އުމަރު އަދި ތޯރިގް އިބްރާހިމް އެވެ. މި ދެ ބޭފުޅުން މިހާރު ވަނީ ސަފީރު ކަމަށް އައްޔަނުކުރައްވާފަ އެވެ. އެގޮތުން އާދަމް ޝަރީފް އައްޔަނު ކުރައްވާފައިވަނީ ޤަތަރަށެވެ. އަދި ތާރިގް އިބްރާހިމް އައްޔަނު ކުރެއްވީ ޔޫއޭއީގެ ސަފީރުކަމަށެވެ.