ތޫނު ހަތިޔާރެއް ބޭނުންކޮށް މާރާމާރި ހިންގައި މީހަކު ފޭރުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރު ދިވެހި ޒުވާނެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން އަދި ފޭރުމުގެ ތުހުމަތެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
އަމުރުގައި ވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަަހަޅާފައިވާ ކަމަށެވެ. އެގޮތުން އަނިޔާލިބުނު ފަރާތުގެ ބަޔާނާއި ހެކިންގެ ހެކިބަހާއި ސީންއަށް ދިޔަ ފުލުހުންގެ ބަޔާނާއި ސީސީޓިވީ ފުޓޭޖްތަކުގެ ސްނެޕް ސޮޓްތައް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓަލިޖެންސް ރިޕޯޓް އަދި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި އަނިޔާލިބުނު ފަރާތުގެ މެޑިކޯ ލީގަލް ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާގެ ވަކީލު ކޯޓުގައި ބުނީ އޭނާ އެތަނަށް ދިޔައީ އެތަނުގައި ހުރި ގެސްޓްހައުސްއަކަށް ކަމަށެވެ. ނަމަވެސް އައިއޯގެ ފަރާތުން އެ ގޯޅީގައި ގެސްޓް ހައުސްއެއް ނެތްކަމަށް ފާހަގަކުރިއެވެ..