ކެންސަރު ބަލިތަކަށް ހާއްސަކޮށް ސަރުކާރުން އަޅާ ހޮސްޕިޓަލް 2028 ވަނަ އަހަރުގެ ކުރިން ނިންމާ ހިދުމަތް ދެވޭނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު އަދި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ފެށޭނެ ދުވަހަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 25 އެނދުގެ އެ ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 އެނދުގެ މަލްޓި ސްޕެޝައިލިޓީ ހޮސްޕިޓަލެއް ކެންސަރުގެ ހިދުމަތްތައް ހިމެނޭ ގޮތަށް އަދި މެޓާނަލް އެންޑް ޗައިލްޑް ހެލްތުގެ ހިދުމަތްތަކާއެކު ގާއިމު ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" ގީލާ ވިދާޅުވި އެވެ.
ގީލާ ވިދާޅުވީ މި މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންގޮސް، ކެންސަރު ބައްޔަށް ބޭނުންވާ އަސާސީ ފަރުވާތަކާއި ބަލި ދެނެގަތުމުގެ ހިދުމަތްތަކާއެކު 2028 ގެ ކުރިން ފޯރުކޮށްދެވޭނެ ކަމަށެވެ.
މި ހޮސްޕިޓަލުން ރޭޑިއޯތެރަޕީ އާއި ކީޕޯތެރަޕީ އަދި ޕެޓްސީޓީގެ ހިދުމަތްވެސް ލިބޭނެ ކަމަށް ގީލާ ވިދާޅުވި އެވެ.