އެމްއެންޑީއެފް ކޯސްޓްގާޑް ހަރަކާތްތެެރިވާ މަންޒަރު

ޑައިވަރުން ހޯދުމަށް ފިންލޭންޑުގެ ތަޖުރިބާކާރުން ރާއްޖެ އަތުވެއްޖެ

މުހައްމަދު ހަމީޒް
 
23 ގަޑިއިރު ކުރިން

ވ. އަތޮޅުގެ ސަރަހައްދެއްގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް ފިންލޭންޑަށް ނިސްބަތްވާ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސްފިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ވ. އަލިމަތާ ރިސޯޓު ކައިރިއަށް ޑައިވިންއަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން އެކަކު ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. 

ދިވެހި ގައިޑަކާ ނުލައި ޑައިވިންއަށް ދިޔަ މި މީހުންގެ ތެރެއިން އެކަކު ފެނުނީ ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިންނެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ހާއްސަ އޮޕަރޭޝަނެއް ފެށި ނަމަވެސް، އެ މަސައްކަތުގައި އުޅުނު ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ހާލު ދެރަވެ ނިޔާވުމާ ގުޅިގެން މިހާރު ވަނީ އޮޕަރޭޝަން މެދުކަނޑާލާފައެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، އިޓަލީ ސަރުކާރުން ހަމަޖެއްސި 'ބޭން' ކިޔާ ކުންފުންޏެއްގެ ތިން މާހިރުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. މިއީ ފުން ކަނޑުތަކާއި ހޮހަޅަތަކަށް ޑައިވް ކުރުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެކެވެ. މި ޓީމަކީ އިޓަލީގެ އިތުރުން އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި އެމެރިކާގެ މަޝްވަރާގެ މަތިން މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކަށް ހާއްސަކޮށް ހޮވާފައިވާ ބައެކެވެ.

މި ތަޖުރިބާކާރުން ރާއްޖޭގެ ކޯސްޓްގާޑާ ގުޅިގެން ގެއްލިފައިވާ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.