ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް ގޮވާލާ އަޑުތައް މީސް މީޑިއާގައި ވަރަށް ގަދަވެއްޖެ އެވެ. މި ގޮވާލުންތައް އާންމުންގެ ތެރޭގައި އިތުރުވެފައިވަނީ މި ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ސިފައިންގެ މީހަކު މިއަދު ނިޔާވުމާ ގުޅިގެންނެވެ.
ޑައިވަރުން ހޯދުމުގެ ރެސްކިޔު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ، 44، އެވެ. މަހުދީގެ މަރާ އެކު ސޯޝަލް މީޑިއާ ފުރާލާފައިވަނީ ތައުޒިޔާގެ މެސެޖުތަކުންނާއި، މަރުވެފައި ތިބި ބައެއް ހޯދުމަށްޓަކައި ދިރިތިބީންގެ ފުރާނަ ނުރައްކަލަކަށް ހުށަނޭޅުމަށް ގޮވާލާ ލިޔެފައިވާ ޝުއޫރުތަކުންނެވެ.
ރާއްޖޭގެ އެމްްއެންޑީއެފް ގައި ގާބިލުކަން ހުރީ 50 މީޓަރަށް ޑައިވް ކުރުމަށް ކަމަށް އެ މުއައްސަސާއިން ހާމަކޮށްފައިވާއިރު، ގެއްލުނު ފަތުރުވެރިން ޑައިވް ކޮށްފައިވަނީ 60 މީޓަރުގެ ފުން ކޭވް އަކަށެވެ. ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރުން ބުނަމުންދަނީ މި އޮޕަރޭޝަނަކީ ފެށުމުގައި ވެސް 'ޑިޒާސްޓާއެއް' ކަމަށެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ފުން އަދި ނުރައްކާތެރި ތަންތަނުގައި ހިންގާ އޮޕަރޭޝަންތަކަށް ހާއްސަ ތަމްރީނާއި ވަސީލަތްތައް ބޭނުންވާނެއެވެ.
"މިފަދަ އޮޕަރޭޝަންތަކަށް ހައިލީ ސްޕެޝަލައިޒްޑް ޓެކްނިކަލް ކޭވް ޑައިވަރުން ބޭނުންވާނެ. އެކަށީގެންވާ ގޭސް، ޑިކޮމްޕްރެޝަން ޕްލޭނިން އަދި ސަޕޯޓު ޓީމުތަކާއި ޑައިވް ކުރާ ސަރަހައްދުގެ ފުރިހަމަ އިވެލުއޭޝަނެއް ހަދާފައި އޮންނަންޖެހޭނެ،" ތަޖުރިބާކާރު ޑައިވަރަކު ފާހަގަކުރިއެވެ.
މި ހާދިސާއަށް ބައިނަލްއަގުވާމީ މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، އިޓަލީގެ ތަޖުރިބާކާރު ކޭވް ރެސްކިއު ޑައިވަރުންގެ ޓީމެއް ރާއްޖެއަށް އައުމަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. މި ދަނޑިވަޅުގައި އާންމުން ސުވާލު އުފައްދަނީ، ބޭރުގެ ތަޖުރިބާކާރުން އަންނަންދެން މަޑުނުކޮށް، އެކަށީގެންވާ ވަސީލަތާއި ތަމްރީނު ނެތް ދިވެހި ސިފައިން މިފަދަ ނުރައްކާތެރި އޮޕަރޭޝަނަކަށް ފޮނުވަން ހުއްދަދިނީ ކާކުތޯއެވެ.
މަހުދީގެ ވަކިވުމާއެކު މުޅި ގައުމަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިތުރު ފުރާނައެއް ނުރައްކަލުގެ ތެރެއަށް ހުށަހެޅުމުގެ ބަދަލުގައި، މިވަގުތަށް މި އޮޕަރޭޝަން މެދުކަނޑާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހެއެވެ.