ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު ނިޔާވުމާއި ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީގެ 5 ފަތުރުވެރިންނެވެ. ދިވެހި އެއްވެސް ޑައިވަރަކާ ނުލާ އެ ފަތުރުވެރިން ޑައިވިންއަށް ފައިބާފައިވާއިރު، އެމީހުންގެ ހަބަރެއް ނުވެގެން އެމީހުން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.
އެއާއި އެކީ އެމްއެންޑީއެފުން ވަނީ އެސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. "ހައި ރިސްކު" އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ސިފަކޮށްފައިވާ އެ އޮޕަރޭޝަނުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި 8 ޑައިވަރުން ބައިވެރިވިއެވެ.
މި ހާދިސާގައި ނިޔާވީ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުހޫމް މުހައްމަދު މަހުދީއެވެ.
ރައީސް ވިދާޅުވި، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ހަބަރެއް ކަމަށްވެސް ވިދާޅުވިއެވެ.
"މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކޮށް، އެ އާއިލާއަށާއި އެމްއެންޑީއެފަށް ތައުޒިޔާ ދަންނަވަން. ޑިއުޓީގަައި މަގާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ހާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުހޫމް މުހައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލަހައްޓަވާށި. އާމީން،". ރައީސް ވިދާޅުވިއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭވްއެއްގެ ތެރެއިން ފެނުނު މީހާއަކީ އެމީހުންނާއި އެކީ ރާއްޖެ އައިސް އުޅުނު އިންސްޓްރަކްޓަރެކެވެ. އެމީހުން ފައިބާފައިވާ ކޭވްއަކީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓޫ ހުންނަ ކޭވްއެއް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މި އޮޕަރޭޝަނުގައި އެމްއެންޑީއެފަށް އެހީތެރިވުމަށް އިޓަލީގެ 2 ތަޖުރިބާކާރުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައިވެރިވަނީ ޑީޕްސީ ރެސްކިއު އެކްސްޕާޓަކާއި ކޭވް ޑައިވިން އެކްސްޕާޓެއް ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.