ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އެމަނިކުފާނު ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރުމަކީ މެޖޯރިޓީ ޕާޓީއަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެއްޖެއެވެ. އައްބާސް ވިދާޅުވީ ދައުރުގެ ބާކީ ބައިގައި ނައިބު ރައީސާ ވެރިކަން ހަވާލުކުރަން ޖެހޭ ކަމަށެވެ.
މެމްބަރު އައްބާސް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލު މިގޮތަށް ނުގެނެސް މެޖޯރިޓީ ޕާޓީއަށް 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެއެވެ. ރައީސް މުއިއްޒު މަގާމުން ވަކިކުރުމަށްފަހު، ޤާނޫނާ ހިލާފަށް ކޮށްފައިވާ "މުޑުދާރު ކަންކަން" ތަހުގީގުކޮށް ޝަރީޢަތް ހިންގުމަކީ، ޕާޓީން ޤާނޫނީ ވެރިކަން ދަމަހައްޓާކަން ރައްޔިތުންނަށް ދައްކައިދޭން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
https://x.com/Abbasvelidhoo/status/2054093984310681691?s=20
ރައީސް މުއިއްޒަށް ރައްޔިތުން އިތުބާރު ނުކުރާތީ، ނިމިދިޔަ ކައުންސިލް އިންތިޚާބުން މެޖޯރިޓީ ޕާޓީ ބަލިވި ކަމަށް އައްބާސް ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް މުއިއްޒު ގިނަގިނައިން ދޮގުހެއްދެވުމުގެ ސަބަބުން ރިފަރެންޑަމް ވޯޓުންވެސް ޕާޓީ ބަލިވި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް އޮފީސް ތެރޭގައި ހިނގާފައިވާ ކަމަށް ބުނާ އަޚްލާޤީ މައްސަލަތަކެއްގެ ސަބަބުން މުޅި ޕާޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އައްބާސް ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ބޭރުކުރުމަކީ ޤައުމަށާއި މެޖޯރިޓީ ޕާޓީއަށްވެސް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. "މީ މެޖޯރިޓީ ޕާޓީގެ ގިނަ މެންބަރުން މިހާރު ވިސްނަމުންދާ އަދި ގަބޫލު ކުރާ ގޮތް،" ކަމަށް ވިދާޅުވަމުން އައްބާސް ވަނީ ޕާޓީގެ އެތެރޭގައި މި ވިސްނުން ބޮޑުވަމުންދާކަމުގެ އިޝާރާތެއް ދެއްވާފައެވެ.