ދައުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުން، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އަދި ރާއްޖޭގެ އިގްތިސާދާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ހަގީގަތެއް ނެތް ވާހަކަތައް ދައްކަވަމުންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލުމުގެ މަގްސަދުގައި އެއްވެސް އަސާސެއް ނެތް ވާހަކަތައް ބައެއް ބޭފުޅުން ފަތުރަމުންދާ ކަމަށެވެ. އަދި މިފަދަ ވާހަކަތައް ދައްކަވަނީ ދައުލަތުގެ މަތީ މަގާމުތައް ކުރިން ފުރުއްވާފައިވާ ބޭފުޅުން ކަމަށްވާތީ އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ހައިރާންވާންޖެހޭ އަނެއް ސަބަބަކީ އެ ބޭފުޅުންގެ ސަރުކާރުން ނެގި ދަރަނިތައް މި ސަރުކާރުން ދައްކަމުންދާއިރު، އަދިވެސް އެ ބޭފުޅުން އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކެވުން ކަމަށެވެ. "އަޅުގަނޑުމެން މިދަނީ ދައްކަމުން، ދެން ދައްކާތީވެސް ކަންބޮޑުވަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ދޫކޮށްފައިވާ ދަރަނިތަކުން ރައްޔިތުން ސަލާމަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ސަރުކާރުން ކަންކަން ކުރިއަށްގެންދާނީ ރައްޔިތުންނަށް ހުރިހާ ކަމެއް ވަރަށް ސާފުކޮށް ބަޔާންކޮށްދީގެން ކަމަށާއި، އިރާދަކުރެއްވިއްޔާ އެ ދަރަނިތަކުން ރައްޔިތުން ސަލާމަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ "ވިއޮން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކުގެ ބޭނުން އެކަށީގެންވާ ގޮތަށް ނުކޮށް އިސްރާފުކުރަމުންދާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.