ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު އެ އޮފީހުގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ކޯޓުން ނެރުނު އަމުރަށް ތަބާނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި މައްސަލައަކީ ރައީސް އޮފީހުގެ މުވައްޒަފަކު 'އަދަދު' ނޫސް މެދުވެރިކޮށް ފެންމަތިކުރި ވާހަކަތަކަކާ ގުޅިގެން، އެ ނޫހާ ދެކޮޅަށް ދައުވާ އުފުލާފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރެއް ނެރެފައެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޯޓު އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް ކަމަށެވެ. އަދި "އަޅުގަނޑު މިހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށް،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައަކީ ރައީސް އޮފީހުގެ ތެރޭގައި ހިނގި ކަމަށް ބުނާ ހާދިސާއަކާ ގުޅިގެން ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. ކޯޓު އަމުރާ ގުޅިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.