ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ރައީސް މުޢިއްޒު އުޅުއްވަނީ ތުއްތު ކުއްޖަކު އުޅުއްވާ ގޮތަށް: ރައީސް ޔާމީން

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުޅުއްވަނީ "ތުއްތު ކުއްޖަކު އުޅުއްވާ ގޮތަށް" ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ވަނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން އަމިއްލަ ކަންކަން ނިންމުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ މިއީ މިނިވަން ޑިމޮކްރަސީއެއް ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒު ކުރިން ވިދާޅުވި ގޮތާ ޚިލާފަށް މިއަދު ފެންނަނީ ނޫސްވެރިންގެ ފަހަތުން ދާ މަންޒަރު ކަމަށާއި، ކޮންމެ ވާހަކައެއް ދެއްކޭނެ ކަމަށް ވިދާޅުވި ނަމަވެސް އެ މިނިވަންކަން މިއަދު ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ދެކެވޭ އައިޝާގެ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒުގެ އާއިލާގެ ބޭފުޅަކު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ވާހަކައާއި، ކްރިމިނަލް ކޯޓުން އަމުރުތައް ނެރެމުންދާ ގޮތާމެދު ކަންބޮޑުވުން އެބައޮތް ކަމަށެވެ. "ވަރަށް ދެރަކޮށް މި ދިޔައީ ދައުލަތުގެ މުއައްސަސާތައް މި ބޭނުންފުޅޭ،" ޔާމީން ވިދާޅުވިއެވެ. އަދި ކްރިމިނަލް ކޯޓުން ނިންމާ ނިންމުންތަކަކީ ވަކި ރިލޭޝަންޝިޕަކަށް ނުވަތަ ސެކްޝަލް ކަންކަމަށް އަމާޒުކޮށްގެން ކުރާ ކަންކަމަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާއި އަމިއްލަ ހައިސިއްޔަތު ވަކިކުރަން ޖެހެއެވެ. އަމިއްލަ ކަންކަމުގައި ކުރެވޭ ތުހުމަތުތަކުގައި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ބޭނުންކޮށްގެން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އެއީ އަމިއްލަ ދައުރެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ފުލުހުންގެ ތަޙުޤީޤުތަކާ ގުޅޭގޮތުން ވިދާޅުވީ، ފުލުހުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަހަލަ ކަމެއް ކަމަށާއި، ޙަޤީޤަތާ ހަމައަށް ދިއުމުގެ ބަދަލުގައި މައްސަލަ އެއްލައިލާނެ ފަދަ ބަޔާންތައް ހޯދަމުންދާ ކަމަށެވެ.