ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދޭށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން 200،000 އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގައި ކަރެކްޝަންސްގެ އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އޭނަ ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އޭނާ ސިވިލް ކޯޓުގައި ދައުވާކުރި އެވެ.
މި މައްސަލާގައި އިއްޔެ ސިވިލް ކޯޓުން އިއްވި ހުކުމުގައި ވަނީ އާސިފު މަގާމުން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ. އެހެންވެ އޭނަ އެ މަގާމަށް އަލުން އައްޔަންކޮށް މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދޭން ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
ޕްރިޒަންސް ކްލަބުގެ ރައީސްކަން ކުރެއްވި އާސިފަށް ހިޔާނާތުގެ ތުހުމަތުތަކެއް ފެންމަތިކޮށް މުވައްޒަފުން، ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެކަމާ ގުޅިގެން ވަޒީފާ އިން ވަކިކުރުމުގެ ކުރިން މުސާރަ ލިބޭ ގޮތަށް އަށް މަސް ދުވަސް ވަންދެން ސަސްޕެންޝަންގައި ހުންނެވި އެވެ.
އާސިފް އޭސީޕީގެ މަގާމަށް އައްޔަންކުރީ 2019 ގެ ސެެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ މާލޭ ޖަލުގެ ސުޕްރިޓެންޑެންޓްގެ މަގާމު ވެސް އަދާކުރެއްވި އެވެ.