އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުންނަށް ޙަފްލާގެ ތެރެއިން | ފޮޓޯ: ކަރެކްޝަން

ރަމަޟާން މަހާ ގުޅުވައިގެން އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުންނަށް ޚާއްސަ ޙަފްލާއެއް ބާއްވައިފި

މުހައްމަދު ހަމީޒް
 
5 ދުވަސް ކުރިން

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ގުޅުވައިގެން، އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުން އަދި ޖަލުގެ އޮފިސަރުންނަށް ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ. މި ޙަފްލާއަކީ ޤައިދީންނާއި ބަންދުގައި ތިބޭ ފަރާތްތަކަށް އެމީހުންގެ ޢާއިލާތަކާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.


މި އުފާވެރި މާޙައުލުގައި ކުރިއަށްދިޔަ ޙަފްލާގައި، ޤައިދީންނާއި ބަންދުމީހުން ވަނީ އެފަރާތްތަކުގެ ޢާއިލާގެ މެންބަރުންނާއެކު ވަގުތު ހޭދަކޮށްފައެވެ. މިއީ ރަމަޟާން މަހާ ކުރިމަތިލާއިރު، ޤައިދީންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.


މި ޙަފްލާގައި ޖުމްލަ 86 ޤައިދީންނާއި ބަންދުމީހުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން، ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގްޓަރމް ސެކިއޯ ފެސިލިޓީގައި ބަންދުކޮށްފައިވާ ފަސް ކުޑަކުދިން ވެސް މި ޙަފްލާގައި ބައިވެރިވެ، އެކުދިންގެ ޢާއިލާތަކާ ބައްދަލުކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

ޖަލުގެ އޮފިސަރުންނާއި މުވައްޒަފުން ވެސް ބައިވެރިވި މި ޙަފްލާއަކީ، ޖަލުގެ މާޙައުލުގައި ތިބޭ ފަރާތްތަކަށް އުފާވެރިކަން ގެނެސްދިނުމަށާއި، ރަމަޟާން މަހުގެ ރޫޙު އާލާކުރުމަށް ކުރިއަށް ގެންދިޔަ ޚާއްސަ ޙަރަކާތެކެވެ.