މާލެ ޖަލު ތަޅާލުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި، މިއަހަރުތެރޭ ނިންމަނީ

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

މާލޭ ޖަލު ތަޅާލުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެ މަސައްކަތް މިއަހަރު ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ، ޖަލު ތަޅާލުމަށް ބަޔަކާ ހަވާލުކުރުމުގެ އިތުރުން އެތަން ހުސްކުރުމުގެ ޢަމަލީ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

މާލޭ ޖަލު ހުރި ބިން ހުސްކުރަނީ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ޒަމާނީ ފެންވަރުގެ ހޯލެއް އިމާރާތްކުރުމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ޖަލު ހުރި ބިމުގައި މާލޭގައި ހުންނާނެ އެންމެ ފުރިހަމަ އަދި ޒަމާނީ އެއް ހޯލު ތަރައްގީ ކުރުމެވެ.

ނިމިދިޔަ ސަރުކާރުން ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތް އިމާރަތްކުރުމަށް ތިން އަހަރު ދުވަސް ހޭދަކުރިއިރު، އެ ސްކޫލުގައި ހޯލެއް އަޅާފައެއް ނުވެ އެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރު ޝަފީޢު ކުރިން ވިދާޅުވެފައިވަނީ، ދަރުމަވަންތަ ސްކޫލު އެޅި ބިމަކީ ބޮޑު ބިމެއް ކަމަށާއި، އޭރު ރަނގަޅަށް ޕްލޭންކުރި ނަމަ އެ ބިމުގައި ކިޔަވައިދޭ އިމާރާތުގެ އިތުރުން ކުދިން ކުޅޭނެ ސަރަހައްދަކާއި ހޯލެއް ވެސް އެޅުނީސް ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ ކުރިމައްޗަށް ހުރި އިއްޒުއްދީން ސްކޫލް ބަންދުކޮށް، އެ ތަނުގެ ދަރިވަރުން ވެސް ދަރުމަވަންތަ ސްކޫލުގައި މިހާރު ކިޔަވަމުން އަންނައިރު، އެއީ ޖުމުލަ 1،700 އެއްހާ ކުދިންނެވެ. މާލޭގައި އެންމެ ފަހުން އިމާރާތްކުރި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި ހޯލެއް ނެތުމުން، ވަގުތީގޮތުން މިހާރު އެކަމަށް ބޭނުންކުރަމުން ދަނީ ދެ ބްލޮކް ދޭތެރޭ އޮތް ކޮމްޕައުންޑުގައި ޓާފް އަޅައިގެންނާއި އެ ސްކޫލް ތެރޭގައި ހުރި އެހެން ހުސް ޖާގަތަކެވެ.