އަމީނީމަގު

އަމީނީމަގު މަރާމާތުކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ނިންމާލައިފި

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް އެ ކުންފުނިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި ކުރިއަށްގެންދިޔަ ސާވޭގައި ކޯ ކަޓިންގ ގެ މަސައްކަތްތައް ވަނީ ފުރިހަމަކޮށްފައެވެ. މި މަޝްރޫއަކީ އަމީނީމަގުގެ އިތުރުން، އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަސައްކަތުގެ ދަށުން މަގުތައް މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށްވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެމްޓީސީސީގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކަކީ އާންމުންނަށް ބޭނުންކުރަން އަމާން އަދި ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ތަންތަނަށް ހެދުމެވެ.

އަމީނީމަގަކީ މީގެ ކުރިންވެސް ބޮޑު ހަރަދެއް ކޮށްގެން ތަރައްގީކޮށްފައިވާ މަގަކަށްވީ ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ޓެކްނިކަލް މާހިރުން ފާހަގަކުރާ ގޮތުގައި، މީގެ ކުރިން މަގު ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 1.79 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް މަގުގެ ހާލަތު ގޯސްވުމާ ގުޅިގެން މިހާރު މިވަނީ އަލުން މަރާމާތުގެ މަސައްކަތް ފަށަން ޖެހިފައެވެ.