ކ. މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން، ޖަލަށް އެތެރެކުރާ ތަކެތި ޗެކްކުރަން ފުރަތަމަ ފަހަރަށް ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ރޭ ބަހައްޓައި ބޭނުންކުރަން ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މީސްމީޑިއާގައި ހާމަކޮށްފައިވެއެވެ.
ކަރެކްޝަނުން ބުނި ގޮތުގައި، މިއީ ޖަލުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ހޯމް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިން، އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ މެޝިނެކެވެ. މިއީ މާފުށީ ޖަލުގައި މިފަދަ ވަސީލަތެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ.

މި މަހުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ވެސް ވަނީ، ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި މިފަދަ ސްކޭނަރެއް ގެނެސްފައިވާކަން އިއުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އޭޕްރީލް މަހު މި މެޝިންގެ ބޭނުން ފުރިހަމައަށް ހިފަން ފެށުމުން، ޖަލުތަކުން ހިންގާ ސްކޭމް ކޯލްތަކާއި އެނޫންވެސް ގާނޫނާ ހިލާފު އަމަލުތަކަށް ނިމުމެއް އަންނާނެއެވެ.

ރާއްޖޭގައި ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އާންމުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ޖަލުގައި ތިބޭ މީހުންނެވެ. މިކަން ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު، 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް އެފަދަ ކޯލްތައް ރިޕޯޓް ކުރެވޭނެ ނިޒާމެއްވެސް ގާއިމުކޮށްފައެވެ.