ޕީއެންއެފް 100،000ރ. އިން ޖޫރިމަނާކޮށްފި

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ޤާނޫނާ ޚިލާފުވެފައިވާތީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) 100،000ރ. ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީ ފޮނުވި ސިޓީއެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށް ދީފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ.

އީސީން ބުނީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރު ކުރިން އަންގަން ޖެހޭ ކަމަށެވެ. ނަމަވެސް މާލޭގައު މިހާރު ޕީއެންއެފުން ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި އެ ޤާނޫނުތަކާއި ގަވާއިދުތަކާއި ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށް އީސީން ބުންޏެވެ. އަދި މިކަމުގައި ނަސޭހަތްތެރިވެ، ކޮމިޝަނާ ބައްދަލުކުރުމުގެ ދައުވަތު ފޮނުވި ނަމަވެސް ސިޓީގެ ޖަވާބެއް ވެސް ޕާޓީން ދީފައިވާ ނުވާ ކަމަށާއި ކޮމިޝަނާ ބައްދަލުކުރުމަށް އިންކާރުކޮށްފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގައި އެއްވެސް ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާޢީދު ކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުން އަންނަ ބައްދަލުވުމަކަށް ހުރަސް އެޅޭ ފަދަ އަމަލެއް ނުކުރަން ބަޔާންކޮށްފައިވާ އިރު ޕީއެންއެފުން ތަކުރާރުކޮށް އެ މާއްދާއާ ޚިލާފުވެފައިވާތީ 100،000ރ. ރުފިޔާއިން ޖޫރިމަނާކުރާ ކަމަށެވެ.

އަދި ޕީއެންއެފާއި އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޤާނޫނާ ޚިލާފު އަމަލުތައް ނުހިންގުމަށް އީސީން އިލްތިމާސްކޮށްފައިވެ އެވެ. އަދި އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އެ އަމަލެއް ހިންގާ ފަރާތްތަކާ މެދު ވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް އީސީން ބުންޏެވެ.

ޕީއެންއެފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ އެވެ. އެ ޕާޓީ އުފެއްދީ 2023 ގަ އެވެ.

ޕީއެންއެފް ޖޫރިމަނާކުރި އިރު، އެ ޕާޓީގެ މުޒާހަރާތައް ލައިވް ނުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އޮތީ ޗެނެލް 13 އަށް އަންގައިފަ އެވެ.