އިލެކްޝަންސް ކޮމިޝަންގެ ރައީސް

ވަގަށް ޕާޓީތަކަށް ވެއްދުން ހައްލުވެއްޖެ: އީސީ

މުހައްމަދު ހަމީޒް
 
1 ދުވަސް ކުރިން

އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ވަނުމުގެ ކަންކަން ހަަމަޖެއްސުމާ ގުޅިގެން ވަގަށް ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަ އެއްކޮށް ހައްލުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު ކޮމިޝަނުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ނިޒާމަށް ކަމަށެވެ.

އެގޮތުން "ސިމެދަ" ޕޯޓަލް ތަޢާރަފުކޮށް، ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ފަސޭހަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ އެ ޕޯޓަލާއެކު ވެސް ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ ކޮމިޝަނަށް ލިބެމުން އައި ކަމަށެވެ. އަދި އީފާސްގެ ތެރެއިން ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ކަންކަން ބަދަލުކުރީ އެކަން ހައްލު ކުރުމަށް ކަމަށް ކަމަށް ވިދާޅުވި އެވެ. ޒަކަރިއްޔާ ވިދާޅުވީ މީގެ ކުރިން ޕާޓީތަކަށް ވައްދާ މީހުންގެ ފޯމުތަކުގެ ސައްޙަކަން ކަށަވަރު ނުކުރެވެނީ ޕާޓީތަކުގެ ހަރަކާތްތައް މުޅި ރައްޖޭގައި ހިންގާ އިރު އެކަންްކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް އީފާސް ތެރެއަށް ނިޒާމު ބަދަލު ގެނައި ފަހުން ނޭނގި ރަޖިސްޓްރީކުރުމުގެ ޝަކުވާއެއް ނާދޭ. އަދި އަޅުގަނޑުމެން ގަބޫލު ކުރަނީ އެއްވެސް ސިޔާސީ ޕާޓީއަކާ ހަމައަށްވެސް ނާންނާނެ ކަމަށް،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެން ދޭ ޔަގީން ކަމަކީ އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށް ނޭނގި ޕާޓީއަކަށް އެ މީހާ ރަޖިސްޓްރީއެއް ނުކުރެވޭނެކަން. އެއް ޕާޓީން އަނެއް ޕާޓީއަކަށްވެސް ނުކުރެވޭނެކަން."

އީސީން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ސިޔާސީ ޕާޓީތަކާއެކު ކުރެވޭ މަޝްވަރާތަކުގައި ޕާޓީތަކާއި އާންމު މެންބަރުންނަށް ދިމާވާ ދަތިތަކަށް ޤާނޫނުގެ ތެރެއިންނާއި ޤަވާއިދުގެ ތެރެއިން ހައްލުތައް ހޯދުމަށް ކޮމިޝަނުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.