މުހައްމަދު ޝަކީލް

ޝަކީލް އީސީއަށް އައްޔަން ކުރަން ރުހުން ދީފި

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ޝަކީލަކީ މިހާރު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޝަކީލް އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 51 މެންބަރުންގެ ވޯޓުންނެވެ. އޭނާ އައްޔަން ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަތް މެންބަރުންނެވެ. މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީން ޝަކީލަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ފަހު، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދުގެ ބަދަލުގައި އީސީއަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ހަމައެކަނި ނަމަކީ ވެސް ޝަކީލްގެ ނަމެވެ.

ޝަކީލަކީ ޕީއެންސީގެ ސެނެޓް މެންބަރުކަމާއި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު ނަމަވެސް، މިހާރު އެ މަގާމު އޮތީ ހުސްކޮށެވެ.

ޝަކީލް ފަދަ ސިޔާސީ ގޮތުން އިސްކޮށް އުޅުއްވާ ބޭފުޅަކު އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާއަކަށް އައްޔަން ކުރަން ނިންމުމާ ގުޅިގެން ބައެއް އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ނަމަވެސް ސަރުކާރުގެ އަގުލަބިއްޔަތު އޮތް މަޖިލީހުން ވަނީ ބޮޑު އަގުލަބިއްޔަތަކުން އޭނާއަށް ރުހުން ދީފައެވެ.