އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު

ރިޔާސީ އިންތިހާބަައި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ސިޔާމް ތާއިދު ކުރައްވައިފި

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ ޕާޓީން ތާއިދު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުން ފާސްކުރި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގައި މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބު ބާއްވަން ވާނީ، ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރަން ހިމަނާފައިވެއެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން، މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް އޭގައިވެއެވެ.

މިއަދު އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ލޯކަލް އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވަން އެ ޕާޓީން ފުރިހަމައަށް ތާއިދު ކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތް ކުރާއިރު، ދިވެހި ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެ ޕާޓީން ދެކޭ ކަމަށަ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވިދާޅުވީ ސިޔާމަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަށާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައަޅުއްވުމަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި މަޖިލީސް މެންބަރެއްގެ ހައިސިއްޔަތުންނާއި، ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން، އޭނާ އަބަދުވެސް އިސްކަން ދެއްވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި އިޖްތިމާއީ ބަދަހިކަމަށް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެމްޑީއޭއިން ވިދާޅުވިގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަރަދު ކުޑަ ކުރުމަށާއި، ދަރަނި މެނޭޖްކުރުމަށް ލިބޭނެ ވަަރަށް ބޮޑު ލުޔެއް ކަަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އިއުތިރާވާ ކަމަށެވެ.

"އެހެންކަމުން މިއީ އިގްތިސާދީ ދެމެހެެއްޓެނިވި ކަަމަށާއި ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށްވާތީ، ސަރުކާރުން ނިންމެވި ނިންމެވުމަށް މި ޕާޓީން މަރުހަބާ ކިޔަމެވެ. ހަމައެާއެކު، ހަރަދުތައް ކުޑަކޮށް، އިގްތިސާދު ވަރުގަދަކުރުމުގެ ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ގުޅިިގެން މަސައްކަތް ކުުމަށްވެސް މި ފުރުސަތުގައި ގޮވާލަމެވެ،". އެ ބަޔާނުގައި ވެއެވެ.