ދިވެހި ސިފައިންގެ 134 ވަަނަ އަހަރީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން

ސިފައިންނާއި ފުލުހުންނަށް ބަނޑޭރިކޮށި ސަރަހައްދުގައި އާ ހައުސިންގ މަޝްރޫއެއް ފަށަނީ

މުހައްމަދު ހަމީޒް
 
1 ދުވަސް ކުރިން

ސިފައިންނާއި ފުލުހުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މާލޭގެ ބަނޑޭރިކޮށި ހިމެނޭ ސަރަހައްދުގައި އާ ހައުސިން މަޝްރޫއެއް ވަރަށް އަވަހަށް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސަކަށްމެ ލިބިދޭންޖެހޭ އެންމެ އަސާސީ އެއް ހައްގު ކަމަށެވެ. އަދި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ބޯހިޔާވަހިކަން ކަނޑައެޅީ، ގައުމުގެ މިނިވަންކަން ދިފާއުކުރުމަށްފަހު ރައްޔިތުންނަށް އެންމެ މުހިއްމުވާނެ ކަމަކީ އަމިއްލަ ބޯހިޔާވަހިކަމެއް އޮތުން ކަމަށްވާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ކުރިއަށްދާ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ސިފައިންނާއި ފުލުހުންގެ ތެރެއިން ކޮންމެ މުއައްސަސާއަކަށް 100 ފްލެޓު މިހާރުވެސް ވަނީ ހާއްސަކޮށްފައެވެ. ނަމަވެސް އެއީ އެންމެ އެކަށީގެންވާ އަދަދު ނޫންކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ބަނޑޭރިކޮށި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީން މިހާރު މަސައްކަތް ފަށާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މި މަޝްރޫއަކީ ސިފައިންނާއި ފުލުހުންގެ ހިދުމަތުގައި ތިބޭ މުއްދަތުގައި އެމީހުންގެ އާއިލާތަކަށް އުޅެވޭނެ ގޮތަށް ފަރުމާކުރެވޭ މަޝްރޫއެކެވެ.

ސަރުކާރުގެ އަމާޒަކީ ބަނޑޭރިކޮށި ސަރަހައްދުގައި ހިންގާ މި ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމެވެ. މިއީ ސަލާމަތީ ހިދުމަތްތަކުގެ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެމީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ގެނައުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.