ދިވެހި އެއްވެސް ރައްޔިތެއްގެ ޒާތީ މައުލޫމާތު ނުވަތަ އިމިގްރޭޝަންގެ ޑޭޓާ ބޭންކުތަކާ ހިއްސާ ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދެއްވައިފިއެވެ. މުންދު މިހެން ވިދާޅުވީ، ބޭންކުތަކުން ކަސްޓަމަރުން ރާއްޖޭގައި ތިބިތޯ ބަލަމުންދާ ދިއުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ.
މުންދު ވިދާޅުވީ ބޭންކުތަކަށް އިމިގްރޭޝަންގެ ޑޭޓާބޭސްއަށް ވަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި، ބޭންކުން ބަލަނީ ހަމައެކަނި ކާޑު ބޭނުންކުރާ ފަރާތުގެ ސައްހަކަން ކަމަށެވެ. "އިމިގްރޭޝަން ޑޭޓާއެއް އެ ބޭފުޅުންނަކަށް ހިއްސާއެއް ނުކުރޭ. ވެރި ސިމްޕަލް، ވެރި ކްލިއަރ،" މުންދު ވިދާޅުވިއެވެ.
މިކަން ހިނގާ ގޮތް ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ރާއްޖެއިން ބޭރުގެ އޭޓީއެމްއަކަށް ނުވަތަ ޕީއޯއެސް މެޝިނަކަށް ކާޑެއް ލުމާއެކު، އެ ކާޑު ބޭނުންކުރަނީ ރާއްޖެއިން ބޭރުގައިކަން އައިޕީ އެޑްރެސް މެދުވެރިކޮށް ބޭންކަށް އޮޓޮމެޓިކުން އެނގޭނެ ކަމަށެވެ. ބޭންކުން ކުރާ ކަމަކީ އެ ކާޑުގެ ވެރިފަރާތަކީ ހަމަ އެވަގުތު ރާއްޖެއިން ބޭރުގައި ހުރި މީހެއްތޯ ކަށަވަރު ކުރުމަށް އޮޓޮމެޓިކް ރިކުއެސްޓެއް ފޮނުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ނިޒާމަކީ މައިގަނޑު ގޮތެއްގައި ފްރޯޑް ނުވަތަ އޮޅުވާލައިގެން ކުރާ މުއާމަލާތްތައް ހުއްޓުވުމަށްޓަކައި ކުރިއަށްގެންދާ ސަލާމަތީ ފިޔަވަޅެކެވެ. މިއީ މީހުންގެ ޒާތީ މައުލޫމާތު ހޯދުމަށް ކުރާ ކަމެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް މައިންބަފައިންގެ ކާޑު ދީފައި ހުންނަ މައްސަލައަށް އަލިއަޅުވާލައްވަމުން މުންދު ވިދާޅުވީ، އެފަދަ ހާލަތްތަކުގައި ބޭންކުން ވަކި ޓައިމް ލިމިޓެއް ދީފައިވާނެ ކަމަށެވެ. އަދި އެފަދަ ދަރިވަރުންނަށް ހާއްސަ ސްޓޫޑެންޓް ކާޑެއް ހެއްދުމަށް ބޭންކުން އިރުޝާދު ދީފައިވާ ކަމަށާއި، އޭރުން އެއްވެސް ދަތިކަމެއް ނެތި ކާޑުގެ ލިމިޓްތަކުގެ ތެރެއިން މުއާމަލާތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ބަދަލުތަކަކީ ބޭންކިން ނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ގަވާއިދާ ހިލާފަށް ހިންގާ މުއާމަލާތްތައް މަދުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ޕްރައިވެސީއަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.