ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް

ރައީސްގެ ލަންކާ ދަތުރުފުޅު: އަމާޒަކީ ރައްޔިތުންނަށް މާނަވީ ފައިދާތަކެއް ހޯދައިދިނުން

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަކީ ހަމައެކަނި ރަސްމީ ސެރެމޯނިއަލް ކަންތައްތަކެއް ނިންމާލުމަށް ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި، އެ ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ރައްޔިތުންނަށް މާނަވީ ފައިދާތަކެއް ހޯދައިދިނުން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މި ދަތުރުފުޅަކީ އެހެން ސްޓޭޓް ވިޒިޓްތަކާ އަޅާބަލާއިރު ހަމައެކަނި ގާޑް އޮފް އޮނަރަކާއި ފަރިކޮޅަކުން ނިންމާލި ދަތުރުފުޅެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް މަސައްކަތް ކުރެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ގޮތަކަށް ކަންކަން ބައްޓަން ކުރެއްވުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ހަމައެކަނި ފޯކަސްއަކީ ހިލޭ އެހީ ނުވަތަ ވިޔަފާރީގެ ފައިދާ އެކަނި ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. "އަޅުގަނޑުމެން ގައުމު ކުރިއަށްދިއުމުގައި ބޭނުންވާ ވަރަށް ގިނަ އެހެން ކަންތައްތަކެއް ވެސް ދަތުރުތަކުގެ ތެރެއިން އެބަ ފުރިހަމަވޭ،" ތަރުޖަމާނު ވިދާޅުވިއެވެ.

ލަންކާއަކީ ރާއްޖޭގެ އެންމެ އިތުބާރު ހުރި އަވަށްޓެރި ގައުމުކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ލަންކާގެ ދަތުރުފުޅުގައި އެންމެ މަތީ އެޖެންޑާއަކީ ލޯނެއް ހޯދުން ނޫން ކަމަށެވެ. ނަމަވެސް، އިންވެސްޓްމަންޓް ފޯރަމްތަކާއި ދެ ގައުމުގެ ވެރިންގެ މެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ރައީސުންގެ މެދުގައި ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް އުފެދިފައިވާ ކަމަށާއި، މި ގުޅުމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.