ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

ލަންކާގައި ތިބި ދިވެހިންނަށް ހުރަސްއެޅި ވާހަކަ ސަރުކާރުން ދޮގުކޮށްފި

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާއަށް ދިއުމަށް ލަންކާ ފުލުހުން ހުރަސްއެޅި ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެއްވެސް ދިވެއްސަކު ރައީސާ ބައްދަލުކުރަން ދިއުމަށް ސަރުކާރުން ހުރަސްއަޅާފައި ނުވާނެ ކަމަށެވެ.

މުންދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ ލަންކާގައި ތިބި ވީހާވެސް ގިނަ ދިވެހިންނާ ބައްދަލުކުރެއްވުމަށް ކަމަށާއި، އެކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި އެ ބައްދަލުވުމަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނަކީ މީގެ ކުރިންވެސް އޭނާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅުންކަން ފާހަގަކުރައްވައި، ސަރުކާރުން އެއްވެސް މީހަކު ވަޑައިގަތުމަށް ހުރަސްއަޅަން މަސައްކަތް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"އަޅުގަނޑުމެން ހަމަގައިމު ވެސް އެތާނގައި ރައީސް ހުންނެވި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައިގެން ރަސްމީ ހައިސިއްޔަތަކުން ސަރުކާރުން އެދިގެން އެއްވެސް ބޭފުޅަކު ވަޑައިގަންނަވަން ހުރަސްއަޅާކަށް މަސައްކަތެއް ނުއެއް ކުރޭ،" މުންދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތަފްސީލް ހިއްސާކުރައްވަމުން މުންދު ވިދާޅުވީ، ރައީސް މުޢިއްޒު ވަނީ ގާތްގަނޑަކަށް 60 އާއިލާއާ ވަކިވަކިން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ޝަކުވާތަކާއި ހުށަހެޅުންތައް ވަރަށް ގާތުން އަޑުއައްސަވާފައި ކަމަށެވެ. މި ބައްދަލުވުން ތިން ގަޑިއިރަށް ދެމިގެންދިޔައިރު، ރައީސް ހުންނެވީ އެއްވެސް މެދުކެނޑުމެއް ނެތި ރައްޔިތުންނާ މުޢާމަލާތް ކުރެއްވުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރައީސް ތިން ގަޑިއިރު ވަންދެއް ފެންފޮދެއް ވެސް ހިއްޕަވައިނުލައްވައި، މެދުކެނޑުމެއް ނެތި އެ މާލަމުގައި ތިއްބެވި އާއިލާތަކުން ދައްކަވަން ބޭނުންވި ހުރިހާ ވާހަކައެއް އަޑުއައްސަވައި، ނޯޓުކުރައްވައި ޖަވާބުދާރީވެވަޑައިގެންނެވި،" މުންދު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަކީ އަބަދުވެސް ރައްޔިތުންގެ އަޑު އައްސަވާ، ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށެވެ. މީގެ ކުރިން ބައެއް ރައީސުން ބާއްވާ ބައްދަލުވުންތަކާ ޚިލާފަށް، މި ރައީސް އިސްކަންދެއްވަނީ ހަމައެކަނި ޕޯޑިއަމެއްގައި ހުންނަވައި ވާހަކަދެއްކެވުމުގެ ބަދަލުގައި، ސީދާ ރައްޔިތުންނާ ސަލާމްކުރައްވައި އެމީހުންގެ އިޙްސާސްތައް ދެނެގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު ބައްލަވައި، އެފަރާތްތަކަށް ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސް ކުރައްވާ މަސައްކަތުގެ ތެރެއިން ކުރެއްވި މުހިންމު ދަތުރުފުޅެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.